ސްޓެލްކޯއަށް މިހާރު ލިބެމުން އަންނަ ކާމިޔާބީއަކީ ހީވާގި އެތައް މުވައްޒަފުންނެއްގެ ބުރަ މަސައްކަތް ކަމަށް ރައީސުލްޖުމްހުރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްޓެލްކޯގެ 73 ވަނަ އަހަރީ ދުވަސްފާހަގަ ކުރުމާއި އަލިމަސް ޔޫބީލް ކައުންޑައުން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނާއިބު ރައީސް ވިދާޅުވީ ސްޓެލްކޯ މިހިސާބަށް ގެނައުމަށްޓަކައި އެކިދުވަސްވަރު އެކިގޮތަށް މަސައްކަތްކޮށްދެއްވި އެންމެހާ މުއައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސްޓެލްކޯގެ ޚިދުމަތް ފެށިފައިވަނީ 1949 ވަނަ އަހަރު ޑިސެމްބަރ 20 ވަނަ ދުވަހުއެވެ. އެ ޚިދުމަތް އޭރުފަށައިފައިވަނީ އެންމެ 8 ކޮލޯވޮޓުގެ ޖަނަރޭޓަރަކުން ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. އެހިސާބުން ފެށި ޚިދުމަތް މިހާރުވަނީ އެތައް މެގަވޯޓެއް ފަހަނަޅައި ޒަމާނީ ޚިދުމަތްދޭ ކުންފުންޏަކަށް ބަދަލުވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަށްޓައި ކުންފުނި ހިންގެވުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ޗެއާމަނުންނަށައީ މެނޭޖިން ޑިރެކްޓަރުންނަށައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.