ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ފަދަ އަސާސީ އެއްޗަކަށް މިހާރު ވެފައިވާ ކަމަށް ރަައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ސްޓެލްކޯ ޚިދުމަތަށް 73 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންމުންދާ ލޮޅުންތަކާއެކު ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެނގިގެންދާ ކަމަށެވެ. އެ ގޮތުން ކޯވިޑް-19ގެ ހާލަތުންނާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ވެސް އެކަން ހާމަވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތެލުގެ އަގު އުފުލުމާއެކު ކުރިމަތިވަމުން އަންނަ ދަތިތަކާއެކުވެސް ސްޓެލްކޯއިން ކުރައްވާފައިވާ މަސައްކަތްތަކާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަ ކުރަންޖެހޭ ކަމަށެވެެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި މަޝްރޫޢުތަކެއް މިހާރުވެސް ހިންގަމުންދާކަމަށާއި، އެމަސައްކަތްތައް އަދިވެސް އިތުރަށް ފުޅާ ކުރަންޖެހޭ ކަމުގައި ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. ނާއިބު ރައީސް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، ތެލަށް ބަރޯސާވުން މިހާރަށްވުރެވެސް ކުޑަކުރަންޖެހޭ ކަމަށެވެ.
ސްޓެލްކޯއިން ދެމުން ގެންދާ ކަރަންޓުގެ ޚިދުމަތުގެ އިތުރުން އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް ކޮށްފައިވާ ފައިދާހުރި މުހިއްމު ގިނަ މަސައްކަތްތައް ފާހަގަ ކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި އިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތީވެސް ކަރަންޓުގެ ޚިދުމަތާ މެދުގައި ކަމަށެވެ. އަދި ފެނަކަ އާއި ސްޓެލްކޯގެ މަސައްކަތުން ސަތޭކައަށްވުރެ ގިނަ އިންޖީނުގެ އަލަށް އިމާރާތްކުރެވި، ތިންސަތޭކައަށްވުރެ ގިނަ ޖެނެރޭޓަރު ސެޓް ރަށްރަށަށް ފޮނުވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށުނީ، 1949 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. އެކި ނަންނަމުގައި މާލޭގެ ކަރަންޓުގެ ޚިދުމަތްދެވި ތަރައްގީ ކުރެވެމުން އައިސް، މިހާރުގެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އުފެއްދީ ރައީސް މައުމޫނުގެ ވެރިކަމުގައި 1997 ވަނަ އަހަރު އެވެ.