ކަރަންޓުގެ ސިނާއަތަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އަންނަ އަހަރުން ފެށިގެން އެވޯޑެއް ދިނުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މި އެވޯޑު ދޭނީ މުޅި ސިނާއަތުގެ ކުރިއެރުމަށް މަސައްކަތްކުރާ އަދި އެކަމެއް ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތެރީންނަށް ނުވަތަ ޚިދުމަތްތެރިއަކަށް ކަމަށެވެ. މި އެވޯޑުގެ ސަބަބުން މިސިނާއަތުގެ މަސައްކަތްތެރީންގެ ޚިދުމަތުގެ އަގުވަޒަން ކުރެވިގެންދާނޭ ކަމަށާއި މިފަންނަށް ބޭނުންވާ އީޖާދީ ވިސްނުންތަކާއި ކުރިއެރުންތަކަށް އިތުރު ފުރުސަތު މި އެވޯޑުގެ ސަބަބުން ހުޅުވިގެންދާނޭ ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. މި އެވޯޑުގެ ސަބަބުން މިސިނާއަތަށް ބޭނުންވާ ފަންނުވެރީންނާއި ހުނަވެރީން ބިނާކުރުމަށް އެހީތެރިކަން ލިބިގެންދާނޭ ކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.
މި އެވޯޑު ތައާރަފް ކޮށްފައިވަނީ ސްޓެލްކޯއަށް 73 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައެވެ. މި އެވޯޑާ ބެހޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމް ވިދާޅުވީ "މިއެވޯޑަކީ ހަތްދިހަ ތިން އަހަރުވެފައިވާ މި ސިނާއަތަށް ޚިދުމަތްކޮށްދެއްވައިފައިވާ ފަރާތްތަކާއި އަދި ކުރިމަގުގައި މިޚިދުމަތް ތަރައްގީކޮށް އިތުރު އީޖާދީކަންކަން އީޖާދުތައް ގެންނަ ފަރާތްތަކަށް ނުވަތަ ފަރާތަށް ނުވަތަ މުއައްސަސާތަކަށް އަޅުގަނޑުމެން ސްޓެލްކޯގެ ފަރާތުން މިއަންނަ އަހަރުން ފެށިގެން ގައުމީ ލެވެލެލެއްގައި ދޭނެ އެވޯޑެއް،" ކަމަށެވެ.
ޝަރީފް ވިދާޅުވީ އަމިއްލައަށް މި އެވޯޑަށް ކުރިމަތިވެސް ލެވިދާނޭ ކަމަށެވެ. އޭގެއިތުރުން އެހެން ޖަމާއަތަކުން ވަކި މީހެއްގެ ނަން ވެސް ހުށަހެޅިވެސްދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މި އެވޮޑާ ބެހޭ އިތުރު ގައިޑްލައިންތައް އަންނަ އަހަރު އާންމު ކުރާނޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މި އެވޯޑުގެ ސަބަބުން މިސިނާއަތް އިތުރަށް ކުރިއެރުވުމަށާއި، އެނާޖީ ސޭވްކުރުމަށް ތަފާތު ވަސީލަތްތައްތައް އުފެއްދުމަށް އިތުރު ހިތްވަރެއް ލިބިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެވޯޑު ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ވަކި ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.