ކޮންމެ އަހަރަކު މަތީ ސާނަވީ ނިންމާ ދަރިންވަރުންގެ ތެރެއިން ދެ ކުއްޖަކަށް ސްޓެލްކޯގެ ޚަރަދުގައި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު އަންނަ އަހަރުން ފެށިގެން ދޭން ވިސްނަމުންދާ ކަމަށް އެކުންފުނީމް ބުނެފިއެވެ.
އެފުރުސަތު ދޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ހޮވައިލެވޭ އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށް ކަމަށް ސްޓްލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމް ރޭ ވިދާޅުވިއެވެ. މިކުދިންނަށް ކިޔަވައިދެވެނީ ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މިއީ ސްޓެލްކޯއަށް ބޭނުންވާ ފަންނުވެރީން، މަސައްކަތްތެރިން ރާއްޖެއިން ބޭރުން ގެނައުމުގެ ބަދަލުގައި އަމިއްލައަށް މީހުން އުފެއްދުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީހުން އުފެއްދުމަށާއި އިތުރު ތަމްރީން ތަކަށް މިހާރުވެސް އަހަރަކު އެކުންފުނީން ހަތް މިލިއަން ރުފިޔާ ޚަރަދު ކުރަމުން ގެންދަވާ ކަމަށެވެ.
ސްޓެލްކޯގެ ޚިދުމަތަށް 73 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރުވެސް މުސްތަގުބަލަށް އެކިދާއިރާތަކުން މީހުން އުފެއްދުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އޭގެ ސަބަބުން ދާއިރާއަށް ހުނަރުވެރި ދިވެހި ޒުވާނުން އިތުރުވެގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގައި މަތީ ސާނަވީ ނިންމާ ކުދިންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާކުދިންގެ ތެރެއިން ކޮންމެވެސް ދެ ކުއްޖަކަށް، އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމަށް މަޝްވަރާ ކުރެވެމުންދަނީ،" ޝަރީފް ވިދާޅުވިއެވެ. މިކަމަށް މިހާރުވެސް ގެންދަވަނީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.