ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. އެ ރަށު ކައުންސިލު އިދާރާއިން ނެރުނު މި އިއުލާނުގައިވާ ގޮތުން އިންޓަރނޭޝަނަލް ސްކޫލު ހިންގަން ބޭނުންވަނީ އެރަށުގައި ބިނާކޮށްފައިވާ ކައުންސިލުގެ ސްކޫލު އިމާރާތުގައެވެ.

މިބީލަން ހުޅުވައިލައިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނޭކަމަށް އެ ތަނުން ބުނެފައިވެއެެވެ. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކުގެ އީމެއިލަށް ފޮނުވޭނެ ކަމަށާއި، މިކަމާ ގުޅިގެން ބިޑް ހުށަހެޅޭނީ ރަޖިސްޓްރީ ކުރުމުގެ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އިއްޔެއިން ފެށިގެން މި މަހު 27 އާ ހަމައަށް މި ބީލަމަށް ރަޖިސްޓްރީމުށް ވަނީ ހުޅުވާލައިފައެވެ.

މި ބީލަމާގުޅިގެން އެއްވެސް ސުވާލެއްވާނަމަ އަންނަ މަހު 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ހޯރަފުށީ ކައުންސިލް އިދާރާއަށް ގުޅާ ސާފު ކުރެއްވުމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.