ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު ގއ. ނިލަންދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައިފިއެވެ. އެރަށު ރައްޔިތުންގެ ކަންބޮޑުވުންތައއް ރައީސް އަޑު އެއްސެވީ އެމަނިކުފާނު ގއ. ތިން ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނިލަންދުއަށް ވަޑައިގެެން އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ އެރަށު އައު އިންޖީނުގޭ ސަރަޙައްދުގައި މިއަދު މެމންދުރު ކުރީގައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވުމުގެ ބޭނުންފުޅަކީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް ރަށްރަށަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުން ކަމަށެވެ.

ނިލަންދޫ ރައްޔިތުން ރައީސަށް ދެންނެވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދިނުމާއި، ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިކަމާއި، މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިކަން ހިމެނެއެވެ. އޭގެ އިތުރުން ތަޢުލީމީ ދާއިރާގެ ކަންކަމާއި ސިއްހީ ދާއިރާއިން ރައްޔިތުން ބޭނުންވާ ކަންކަން ނިލަންދޫ ރައްޔިތުން ވަނީ ރައީސަށް ދަންނަވާފައެވެ. ނިލަންދޫ ރައްޔިތުން ފާހަގަކުރި ގިނަ ކަންކަމުގެ ފަހުގެ މަޢުލޫމާތު ރައީސް ވަނީ އެމީހުންނަށް ދެއްވައިފައެވެ. އޭގެތެރެއިން ބައެއް ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާ މަޝްވަރާކުރައްވާނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިލަންދޫއަށް މިކުރައްވާ ދަތުރުފުޅަކީ ހުވަދުއަތޮޅު އުތުރުބުރީގެ ތިން ރަށަކަށް އިއްޔެ ފެށްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މީގެ ކުރިން އަމަނިކުފާނު ވަނީ ދާންދުއަށް ވަޑައިގެންފައެވެ.