1444ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި މަދަޙަ މުބާރާތެއް ބާއްވަން ހަމަޖައްސައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބާއްވާ މި މުބާރާތަށް ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މި މުބާރާތުގައި ޖުމުލަ ހަ އުމުރުފުރާއަކުން ބައިވެރިވެވޭނެއެވެ.

އެއީ 6 އަހަރުންދަށާއި، 9 އަހަރުންދަށާއި 11 އަހަރުންދަށާއި، 13 އަހަރުންދަށާއި 16 އަހަރުންދަށާއި 19 އަހަރުން ދަށެވެ.

އެ ކައުންސިލުން ވިދާޅުވީ އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ އަންނަ މަހުގެ އެކަކަށް ދަރިވަރަށް ފުރޭ އަހަރަށް ކަމަށެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ. އަދި މިއިން ކޮންމެ އުމުރުފުރައަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އަށް އަންނަ ދަރިވަރަކު ހޮވާނެއެވެ.

މި މުބާރާތަށް އަލަށް ހުށަހަޅާ ޅެމާއި އަމިއްލަ ރާގުގެ ތެރޭން ވެސް އެންމެ މޮޅު 5 އުފެއްދުން ހޮވައި، 1ވަނަ، 2ވަނަ، 3ވަނަ ހޮވާނެއެވެ.

މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

  • ކޮންމެ އުމުރުފުރާއަކުން: 1 ވަނަ -/8000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/ 6000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/4000ރ، ޓްރޮފީ އާއި ސެޓްފިކެޓް

  • މުޅިމުބާރާތުން 1 ވަނަ -/25000ރ، ޓްރޮފީ އާއި ސެޓްފިކެޓް

2 ވަނަ -/15000ރ، ޓްރޮފީ އާއި ސެޓްފިކެޓް

3 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މި މުބާރާތުގެ ވަނަވަނައަށް އަންނަ ޅެމާއި އަމިއްލަ ރާގަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

  • 3ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/3000ރ، ހަނދާނީ ލިޔުމާއި އިނާމު.
  • 2ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/4000ރ، ހަނދާނީ ލިޔުމާއި އިނާމު.
  • 1ވަނައަށް ހޮވޭ ޅެމާއި ރާގަށް: -/5000ރ، ހަނދާނީ ލިޔުމާއި އިނާމު.

މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. މީގެ އިތުރަށް އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އިދާރާއިން ފޯމު ދޫކުރާނެކަމަށްވެސް އެ ކައުންސިލްގެ އިއުލާނުގައިވެއެވެ.

މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ ކައުންސިލްގެ ބިއުރޯ އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ބަލައިގަންނާނެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މި މުބާރާތުގެ އިތުރުން ޤުރުއާން މުބާރާތެއްވެސް ބޭއްވުމަށް ހަމަޖައްސައިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 20 އެވެ.