ވ. އާރަށު މައްސަލާގައި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ ޢަބަދުﷲ ޔާމީން ޢަބްދުލްގައްޔޫމުގެ މައްޗަށް ކުށްސާބިތުވެ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. އޭގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެފައިސާ 6 މަސް ތެރޭގައި މީރާއަށް ދައްކައި ޚަލާސް ކުރުމަށްވެެސް ޙުކުމްކުރެއްވިއެވެ.

މި މައްސަލާގައި ދައުލަތުގެ ވަކީލުން އެދުނީ ރައީސް ޔާމިގެ މައްޗަށް 19 އަހަރުގެ ޙުކުމެއް އިއްވާށެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގައި 8 އަހަރު އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެކެވެ. އޭގެ އިތުރުން ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށް ވެސް ދައުލަތުން އެދުނެވެ. އެހެންނަމަވެސް ދާދި ދެންމެ ކްރިމިނަލްް ކޯޓުން ކުރި ޙުކުމުގައިވަނީ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެވެ. އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް ޖަލަށްލުމަށެވެ.

ރައީސް ޔާމީނަކީ އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓެވެ. އެހެންނަމަވެސް މި ޙުކުމް ދެމިއޮތްހާ ހިނދަކު އެފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ.