ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމަށް ކްރިމިނަލް ކޯޓުން މިއަދުކުރި 11 އަހަރުގެ ޖަލުހުކުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު މިއަދު ވާހަކަ ދައްކަވައިފިއެވެ.
ޢުމަރު ވިދާޅުވީ މިއަދުގެ ހުކުމަށްފަހު ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ފެށިގެންދާނޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެންމެ ފުރަތަމަ އެމައްސަލަ ހުށަހަޅާނީ ހައިކޯޓަށެވެ. އެ ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް ބެލުމަށްފަހު ދެން އެމައްސަލަ ހުށަހަޅާނީ ސުޕްރީމް ކޯޓަށެވެ. އިސްތިއުނާފީ އެ ދެ މަރުހަލާގައި އިންތިޚާބުގެ ކުރީން ރައީސް ޔާމީނަށް ގޮތެއް ދައްކަވަން ޖެހޭނޭ ކަމަށް ޢުމަރު ވިދާޅުވިއެވެ.
"މިއަދު ކުރި ޙުކުމަކަށް ބަދަލެއް އަންނާނޭ ކަމަށް އަޅުގަނޑަށް ނުފެނޭ. އެހެންނަމަވެސް ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ކަމަށް އެޕާޓީން ވަނީ ކަނޑައަޅައި ރިޔާސީ ޓިކެޓުވެެސް ދީފައި. އެހެންވީމާ އެންމެ ރަނގަޅު އިންސާފަކަށް ވާނީ ވަގުތު އޮއްވައި ރައީސް ޔާމީނުގެ މައްސަލައިގެ އިސްތިއުފާނާފީ ދެ މަރުހަލާ ވެސް ނިންމުން. އަޅުގަނޑު ގަބޫލު ކުރަނީ އިންތިޚާބަށް ވަގުތު އޮއްވައި އެ މަރުހަލާތައް ނިމޭނޭ ކަމަށް. އިސްތިއުނާފުގެ އެންމެ ފަހުމަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއެކު ލަސްނުކޮށް ރައީސް ޔާމީނުގެ މައްސަލަ ނިންމެވުމުން ވަރަށްމުހިންމު ކަމަށް އަޅުގަނޑު ދެކެނީ. އިންސާފުވެރި ގޮތަކަށް ވާނީ އެގޮތް ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން،" ޢުމަރު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް މިއަދު އިއްވި 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެއެވެ. އެހެންނަމަވެެސް ޕީޕީއެމް ޕީއެންސީން އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. އެ ކޯލީޝަނުން ބުނަނީ އަދިވެސް ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނޭ ކަމަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ.
ޢުމަރު ނަސީރަކީ ވެސް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަމަށް އިއުލާން ކުރައްވައިފައިވާ ބޭފުޅެކެވެ.
ރަނގަޅު ވާހަކައެއް ތިޔަ ވިދާޅުވީ.
ނުޖޭނެ ވަކިމީހަކައްވީމަ ވަކިގޮތެއް