އިސްރާއީލުގެ ނޫހެއް ކަމަށްވާ މައާރިފްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އިންތިޚާބަށް ފަހު ނަތަންޔާހޫގެ ކާމިޔާބީއާއެކު އިސްރާއީލުގެ ޔަހޫދީން އެމެރިކާއަށް ހިޖުރަކުރުމަށް މަގުފަހިކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ޔަހޫދީންގެ މައިގްރޭޝަންއަށް އުފައްދާފައިވާ ޖަމާއަތުން ރާވާފައި ވަނީ ފުރަތަމަ މަރުހަލާގައި އިސްރާއީލުގެ 10،000 ޔަހޫދީން އެހެން ގައުމުތަކަށް ބަދަލުކުރާށެވެ. އެ ޖަމާއަތުގެ ލީޑަރުންގެ ތެރޭގައި އިސްރާއީލުގެ ނަތަންޔާހޫއާ ދެކޮޅު އެކްޓިވިސްޓް ޔާނިވް ގޮރެލިކް އާއި އިސްރާއީލުގެ އެމެރިކާގެ ވިޔަފާރިވެރިޔާ މޮރްދަޚާއީ ކަހާނާ ހިމެނެ އެވެ.
ފަލަސްތީނުން ޔަހޫދީ ވަޒަން ވެރިން ފުރައިގެން ދިއުމަކީ އާ ކަމެއް ނޫނެވެ. ތާރީހީ ގޮތުން އިސްރާއީލަށް ޔަހޫދީ ވަޒަންވެރިން ގެނައުމުގައި ހަރަކާތްތެރިވާ ކަހާނާ ބުނީ ޔަމަނާއި އަފްޣާނިސްތާނާއި ސީރިއާ އަދި ޔޫކްރޭންގެ ހަނގުރާމަވެރި ސަރަހައްދުތަކުން ޔަހޫދީން އިސްރާއީލަށް އެތެރެކުރުމަށް އޭނާ ކުރިން އެހީވެދީފައި ވާނެ ކަމަށެވެ. އަދި އަހަރުތަކެއް ފަހުން އިސްރާއީލުގެ މީހުންނަށް އަލުން އޭނާ ފުރުސަތު ދެނީ އިޒްރޭލުން ބޭރުވެ އެހެން ގައުމުތަކަށް ނުވަތަ އެމެރިކާއަށް ހިޖުރަ ކުރާށެވެ.
އިޒްރޭލަށް ޔަހޫދީން ގެނައުމަށް ދީފައި އޮންނަ ނަމަކީ އަލިޔާ އެވެ. މާނައަކީ އުޑަށް އެރުމެވެ. ކަހާނާ ބުނިގޮތުގައި އިޒްރޭލުގެ ޔަހޫދީ ދެކެނީ އިޒްރޭލުން އެމެރިކާއަށް މިހާރު ހިޖުރަ ކުރުމަކީ އަލިޔާއެއް ކަމަށެވެ.
ވަޓްސްއެޕް ގްރޫޕްތަކުގައި އިޒްރޭލު މީހުން ރޫމިނިއާ ނުވަތަ ގްރީސްއަށް ހިޖުރަކުރާ ވާހަކަ ދައްކާތަން ފެންނަ ކަމަށް ކަހާނާ ބުނެއެވެ. އެއަށްފަހު އެމެރިކާއަށް މީހުން ގެންދިއުމުގެ ޚިޔާލު އުފެދުނީ ކަމުގައި އޭނާ ބުންޏެވެ.
އެގޮތުން ނިއުޖާޒީގައި ހުންނަ އޭނާގެ މައިގްރޭޝަން ކުންފުނިން ޔަހޫދީންނަށް ހުށަހެޅަނީ އެމީހުންގެ ދިރިއުޅުން އެހެން ގައުމުތަކަށް ބަދަލު ކުރާށެވެ. ކާހާނާ ވަނީ ޑޮކްޓަރުންނާއި ޕައިލެޓުން ފަދަ ޕްރޮފެޝަނަލުން އެމެރިކާއަށް ހިޖުރަކުރުމަށް ހިތްވަރުދީ ފުރުސަތު ހޯދާދީފައެވެ.
ކަހާނާ އަކީ ޔަހޫދީ ވަޒަންވެރިން ބަދަލު ކުރުމުގެ ޕްލޭންތަކެއް ގެންގުޅޭ ފުރަތަމަ ޔަހޫދީ ވިޔަފާރިވެރިޔާއެއް ނޫނެވެ.
1882 އިން 1914 އަށް ޔަހޫދީން ގެ ގިނަ ބަޔަކު ހިޖުރަ ކުރުމުގެ ތެރޭގައި ޔޫރަޕްގައި އިތުރުވަމުން އައި ފަގީރުކަމާއި އެންޓިސެމިޓިޒަމް އުފެދުމުން ސަލާމަތްވުމަށްޓަކައި ގާތްގަނޑަކަށް ރަޝިޔާގެ ދެ މިލިއަން ޔަހޫދީން އެމެރިކާއަށް ގެނައުމުގެ ތެރޭގައި، ޖަރުމަނު-ފްރާންސްގެ ޔަހޫދީ ފައިސާވެރިއެއް ކަމަށްވާ ބެރަން މޮރިސް ޑި ހިރްޝް އަކީ އެހީތެރިވެދިން މީހެކެވެ.
އެކަމަށް ޓަކައި ލަންޑަނުގައި 1891 ވަނަ އަހަރު ޑި ހިރްޝް އުފެއްދީ ޖޫޒް ކޮލޮނައިޒޭޝަން އެސޯސިއޭޝަން (ޖޭސީއޭ) އެވެ.
އެ ޖަމުއިއްޔާގެ މަޤްޞަދަކީ ރަޝިޔާގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔަހޫދީންންނަށް ދަނޑުވެރިކަމުގެ މަސައްކަތް ފެތުރުމަށް ފައިސާ ދިނުމެވެ. އެމެރިކާގައި ޖޭސީއޭގެ ފުރަތަމަ ދަނޑުވެރިކަމަށް ހެދި ކޮލޮނީއަކީ 1891 ވަނަ އަހަރު ނިއު ޖާޒީގެ ދެކުނުގައި އުފެދުނު ވުޑްބައިން ކޮލޮނީ އެވެ.
1890 ވަނަ އަހަރު ހިރްޝް އުފެއްދި ޔަހޫދީ އެގްރިކަލްޗަރަލް ސޮސައިޓީއަކީ އެމެރިކާގެ އިރުމަތީ އައްސޭރިން ބިން ގަނެ، ބިމުގެ ވިޔަފާރި ތެރެއަށް ޔަހޫދީ އިސްތިޢުމާރީން ވެއްދުމަށް އެހީތެރިވެދިން ޖަމިއްޔާއެކެވެ. އެކަން 1972 ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔަ އެވެ.
އެމަސައްކަތުގައި ބިން ގަނެ ހަންފަތުރައި އިސްތިއުމާރު ކުރަމުން ދިޔަ ޔަހޫދީ އިސްތިޢުމާރީންނަށް ދަނޑުވެރިކަމުގެ މައުލޫމާތާއި ތަމްރީނު ދިނުމަށް ކިޔަވައި ދިނުމަށް އޭނާ ފައިސާ ހޭދަ ކުރިއެވެ.
ވުޑްބައިން ކޮލޮނީ 1920 އާއި 1930 ގެ އަހަރުތަކުގައި މުއްސަނދި ކޮލޮނީއަކަށް ވިއެވެ. 1948 ގެ ފަހުން ނާޒީންގެ ހޮލޮކޯސްޓް އިން ސަލާމަތްވި އެތައް ސަތޭކަ ބަޔަކު އާ އިސްތިއުމާރީންގެ ގޮތުގައި އެ ކޮލޮނީއަށް ލިބުނެވެ.
ނިއު ޖާޒީގައި ހުންނަ ޖޭސީއޭގެ ދަނޑުވެރިކަމުގެ ކޮލޮނީގެ އިތުރުން 1901 ވަނަ އަހަރު އުފެދުނު ޒަޔަނިސްޓް އޯގަނައިޒޭޝަންގެ ގޮއްޕެއް ކަމަށްވާ ޖޫޒް ޓެރިޓޯރިއަލް އޯގަނައިޒޭޝަން އިން 1907 ވަނަ އަހަރު ޓެކްސަސްގެ ގެލްވެސްޓަން ގައި އެމެރިކާގެ ޔަހޫދީ އިސްތިއުމާރު ކުރުމުގެ “ގަލްވެސްޓަން ޕްލޭން” އަށް ފައިސާ ހޯދުމަށް އެހީތެރިވެދިނެވެ.
މި ޕްލޭން ކާމިޔާބު ވެގެން ދިޔައީ 1914 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ ހުޅަނގު ދެކުނަށް 10،000 ޔަހޫދީން އާބާދު ކުރުމުންނެވެ. މި ތާރީޚީ ފަސްމަންޒަރުގެ މަގްސަދަކީ ކާހާނާގެ ޕްލޭން މިއަދު މިފަދަ ގޮތަކަށް ރޭވެމުން އަންނަކަން ހާމަ ކުރުމަށެވެ.
ޒަޔަނިސްޓް ދީނީ އަދި އިސްތިޢުމާރީ ފިކުރުގެ ތެރެއަށް ގެނބިފައިވާ އިސްރާއީލުގެ އިސްތިޢުމާރީންގެ ގޮތުގައި ފަލަސްޠީނަށް ޔަހޫދީން ހިޖުރަކުރުމަށް ތާރީޚީ ގޮތުން ދީފައިވާ ނަމަކީ "އަލިޔާ" އެވެ.
ނަމަވެސް ޔަހޫދީ އިސްތިޢުމާރީން އިޒްރޭލު ނޫން ތަންތަނަށް ގޮސް ވަޒަންވެރިވުމަށް ދީފައިވާ ނަމަކީ "ޔެރިދާ" އެވެ.
ބައެއް ޒަޔަނިސްޓުން ބުނާ ގޮތުގައި މި ލަފުޒުތަކަކީ ތައުރާތުން ނަގާފައިވާ ދީނީ މާނަ ހިމެނޭ ބަސްތަކެކެވެ. ނަމަވެސް އެހެން ބަޔަކު ދެކޭ ގޮތުގައި މި ލަފްޒުތަކާއި ތައުރާތުގެ މަފްހޫމާ ގުޅުމެއ ްނެތެވެ.
އިސްރާއީލުގެ ޔަހޫދީން އެމެރިކާއަށް ހިޖުރަކުރުމަކީ އާލިޔާ އެއް ކަމުގައި ކަހާނާ ދެކެއެވެ.
ކާހާނާ ބުނާ ގޮތުގައި އޭނާ އެމެރިކާއަށް "އާލިޔާ" ދަތުރު ހެދީ 1991 ވަނަ އަހަރުއެވެ. އެއަށްފަހު ދިރިއުޅުމުގެ ފެންވަރު މަތިވެ ދަރިންގެ ތައުލީމުގެ ފެންވަރު މަތިކޮށް ދީފައި ވާނެ ކަމަށެވެ.
އިޒްރޭލުގެ ނަތަންޔާހޫގެ އައު ސަރުކާރު ވެރިކަމަށް އައުމާއެކު ބައެއް ޔަހޫދީން ދެކެނީ އިޒްރޭލުން ވުޖޫދުން ފޮހެވިގެން ދިއުން އަވަސްވާނެ ކަމަށެވެ. އެހެންވެ އެމީހުން ބޭނުން ވަނީ އަވަހަށް އިޒްރޭލުން ހިޖުރަ ކުރާށެވެ. އެކަމުގެ ފައިދާ ނަގައިގެން ކާހާނާ ވަނީ މުއްސަނދިންނަށް ފުރުސަތު ފަހިކޮށް ދިނުމަށް ހިޖުރަ ކޮށްދިނުމުގެ ވިޔަފާރިއެއް ފަށާފައެވެ.
އިސްރާއީލުގެ ރިސާޗަރއެއްކަމަށްވާ މެއިރް މާގަލިޓް ވިދާޅުވި ގޮތުގައި ޔަހޫދީ އިސްތިއުމާރީން އިޒްރޭލުގައި ބޭތިއްބުމަށް ކުރިއަށް ގެންދާ ސެޓްލަރ-ކޮލޮނިއަލް މަޝްރޫއު ކާމިޔާބެއް ނުވެއެވެ. އޭނާ ކިޔައިދޭ ގޮތުގައި 1958 ވަނަ އަހަރު އިސްރާއީލު އުފެދުނުތާ ދިހަ އަހަރު ފުރުމާ ހަމައަށް އައިއިރު، 100،000 ޔަހޫދީ އިސްތިޢުމާރީން ވަނީ އިޒްރޭލުން ފުރައިގެން ގޮސްފައެވެ. އަދި 1967 ވަނަ އަހަރުގެ ނިޔަލަށް 180،000 އަށް ވުރެ ގިނަ އިސްރާއީލު މީހުން ހިޖުރަކުރި އެވެ. އެކަމަށް އިޒްރޭލު ސަރުކާރުން ހުރަސްތައް އަޅާކަމަށްވެސް އޭނާ ކިޔައި ދެއެވެ. އަދި 1980 ވަނަ އަހަރުގެ ނިޔަލަށް ބައި މިލިއަނެއްހާ އިސްރާއީލު މީހުން ތިބީ އެމެރިކާގައި ވަޒަންވެރި ވެފައެވެ.
2003 ވަނަ އަހަރު ނިމުނުއިރު އިސްރާއީލު ސަރުކާރުން ލަފާކުރި ގޮތުގައި 750،000 އަށް ވުރެ ގިނަ އިސްރާއީލު މީހުން ދާއިމީ ގޮތެއްގައި އިޒްރޭލުން ބޭރުގައި ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިން ގިނައީ އެމެރިކާ އާއި ކެނެޑާގަ ދިރިއުޅޭ މީހުންނެވެ. އެއިން 230 ހާސް މީހުންނަކީ އިޒްރޭލަށް އުފަން މީހުންނެވެ. މާނައަކީ އެހެން ތަންތަނުން ހިޖުރަ ކުރި ޔަހޫދީންނަށް އިޒްރޭލުގައި ލިބުނު ދަރިންނެވެ.
މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ އިސްރާއީލުގެ ޔަހޫދީންނަށް ޑުއަލް ސިޓިޒަންޝިޕް ލިބިފައި ވެއެވެ.
އެހެން ގައުމުތަކުން ވަޒަންވެރިވާ ޔަހޫދީން އިޒްރޭލުގައި ގެންގުޅުމަކީވެސް އޭގެ ޒާތުގައި ބޮޑު ޗެލެންޖެކެވެ. 2016 ވަނަ އަހަރު ލަފާކުރެވުނު ގޮތުގައި އިސްރާއީލަށް ހިޖުރަކުރި ފްރާންސްގެ ޔަހޫދީންގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓު ހައި މީހުން އެނބުރި ފްރާންސަށް ދިޔައީ، އިސްރާއީލާއި ޒަޔަނިސްޓް ޖަމާއަތްތަކުން އެމީހުން ގައުމުގައި ބޭތިއްބުމަށް ޝައުގުވެރިކޮށް، ވަރުގަދަ މަސައްކަތްތަކެއް ކޮށް އެކަން ނާކާމިޔާބު ވެގެންނެވެ.
ނަތަންޔާހޫ ސަރުކާރާ މެދު ބޭރުގައި ތިބޭ ލިބަރަލް ޔަހޫދީން ބިރު ހީވެއެވެ. އެމީހުންނަކީ "ސެކިއުލަރ-ޑިމޮކްރެޓިކް" އިޒްރޭލެއް ބިނާ ކުރުމަށް ބޭނުންވާ މީހުންނެވެ. ނަމަވެސް ޔަހޫދީ އިސްތިއުމާރީ މުޖުތަމައު ދީނީ އަދި ނަސްލީ ދައުލަތަކަށް ބަދަލު ވުމާ މެދު އެމީހުން ބިރު ހީވެއެވެ.
ފަލަސްތީނު މީހުން ދެކޭ ގޮތުގައި އިސްރާއީލަކީ، އުފެދުނު ދުވަހުން ފެށިގެން، ދީނީ އަދި ނަސްލީ ތަފާތުކުރުން ބޮޑު ދައުލަތެކެވެ. އަދި އެއީ ވަޒަންވެރި އިސްތިޢުމާރީ ދައުލަތެކެވެ.
ފަލަސްތީނު މީހުން ދެކޭ ގޮތުގައި އިޒްރޭލުގެ ޔަހީދީން ގައުމު ދޫކޮށް ދިއުމުގެ ޝައުގުވެރިކަމަކީ އެމީހުންނަށް އޮތް ހެޔޮ ފާލައެކެވެ!