މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް އެންމެ ދެކުނުގެ 4 އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ ހުވަދު އަތޮޅު ދެބުރިއާއި ފުވައްމުލައް ސިޓީއާއިި އައްޑޫ ސިޓީއަށެވެ.

އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:15 އިން ހަވީރު 17:15 އާ ހަމައަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ނެރެފައިވާ ހުދުސަމާލުގައި ބުނެފައިވަނީ ގަޑިއަކު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މެޓުން ބުނެފައިވަނީ ބޭ އޮފް ބެންގާލުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު އިއްޔެ ސްރީލަންކާ ހުރަސްކޮށްފައިވާ ކަމަށެވެ. މި ކޮޅިގަނޑުގެ ބާރު ދަށްވެ، މި ވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯޕްރެޝަރ އޭރިއާ އެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މި ކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބިކަނޑަށް ދަތުރު ކުރާނެ ކަމަށް ލަފާކޮށް، މިރެއާއި މާދަމާ ރާއްޖޭގެ އުތުރުގެ ބަައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މިގޮތުން ހުރިހާ ފަރާތް ތަކުންވެސް މޫސުމާ ގުޅޭ އެންމެފަހުގެ މައުލޫމާތަށާއި އެލާޓްތަކަށް ސަމާލުވެލެއްވުމަށް މެޓް އިން އިލްތިމާސް ކުރައްވައެވެ.