މީގެ 18 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ކާރިސާ އަކީ الله سبحانه وتعالى ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ބުނެފިއެވެ. އެ އިމްތިޙާނުން ޙާޞިލްވި އެންމެ މަތިވެރި ޢިބުރަތަކީ ޤައުމީ އެއްބައިވަންތަކަމުގެ މުހިންމާއި، ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައާ އެހެން ހުރިހާ ވަގުތެއްގައިވެސް ސިޔާސީ ފިކުރުތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.

އެއްބައިވަންތަކަކުގެ ދުވަހާ ގުޅިގެން ނެރެފައިވާ ބަޔާނުގައި އެޕާޓީން ބުނެފައިވަނީ ސުނާމީ ކާރިސާއަކީ އަވަށްޓެރި ޤައުމުތަކާއި ރަޙްމަތްތެރި ޤައުމުތަކާއިއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން ފަހަރެއް ކަމަށެވެ. އެހެން ކަމުން ސިޔާސީ ދަހިވެތިކަމުގައި ބޭރު ޤައުމުތަކާމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ ޢަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް، ޚާއްސަކޮށް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިޙުތިރާމްކޮށް، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުޞޫލުތަކުގެ ތެރެއިން، އަޚުވަންތަކަމާއި އޯގާތެރިކަމާއިއެކު އެ މީހުންނާއިމެދު ޢަމަލުތައް ބެހެއްޓުމަށްވެސް އެޕާޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

"ސުނާމީ ކާރިސާ ފަދަ ކޮންމެ ދަނޑިވަޅެއްގައި، ފަސްޖެހުމެއްނެތި ރަޙްމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ މުޖުތަމައުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ބަލައިގަނެ، މި ޕާޓީއިން އެ ފަރާތްތަކަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ. ދިވެހި ރައްޔިތުންނާއި ޤައުމަށް އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމަށްޓަކާ އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމާމެދު ޝައްކެއް ނެތެވެ. މިކަމަކީ އެތައްސަތޭކަ އަހަރެއް ވައްދެންވެސް ދިވެހިރާއްޖެ ތަޖްރިބާކޮށްފައިވާ ހަގީގަތެކެވެ." އެޕާޓީން ބުނެފައިވެއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަނީ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކެވި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެދުވަހުގެ އެ ނާޒުކު ދަނޑިވަޅުގައި ދިވެހި ލޮބުވެތި ރައްޔިތުން ދެއްކެވީ ދުލާއި ޤަލަމުން ބަޔާން ނުކުރެވޭ ފަދަ އެއްބައިވަންތަކަމެއް ކަމަށް ވެސް އެމްއާރުއެމުން ބުނެފައިވެއެވެ.

"ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް" ފާހަގަކުރަނީ، އެ ދުވަހު މިދުނިޔެ އާއި ވަކިވެ ދިޔަ ދިވެހީންގެ ޒިކުރާ އާކުރުމުގެ ގޮތުންނާއި އެ ދުވަހު ލިބުނު ބޮޑެތޮ ގެއްލުންތަކާއި، ޤައުމަށް ލިބުނު ނިކަމެތިކަމުގެ ކުރިމަތީގައިވެސް ދިވެހީން ދެއްކެވި އެއްބައިވަންތަކަމުން ޢިބްރަތް ލިބިގަތުމަށެވެ. މިފަދަ ދުވަހެއް ފާހަގަ ކުރާއިރު ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކެވި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން ޢިބްރަތް ލިބިގަންނަން ޖެހޭ ކަމަށް ވެސް އެމްއާރުއެމުން ބުނެފައިވެއެވެ.

އެ ދުވަހު ދިވެހި ރައްޔިތުން އިސްކުރައްވާފައިވަނީ ޤައުމީ މަސްލަޙަތާއި ޤައުމީ އެއްބައިވަންތަކަމެވެ. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ހަމަ އެގޮތުން، އެއްބައިވަންތަ ކަމަކީދަތި އުދަގޫ ވަގުތުތަކަށް އެކަނި ޚާއްޞަ ސިފައެއް ނޫންކަންވެސް އެޕާޓީން ބުނެފައިވެއެވެ.