މިއަދު އެންމެން ސަމާލުވެ ތިބެންޖެހޭ އެއްކަމަކީ، ސިޔާސީ ކަންކަމާމެދު އުފެދޭ ޚިޔާލުތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ ބައިބައިވުން ތަކަށް ކަމަށް މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެޕާޓީން މިއަދު އެހެން ބުނީ އެއްބައިވަންތަކަމުގ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައެވެ. އެޕާޓީން ބުނެފައިވަނީ މާތްރަސްކަލާނގެ ހެޔޮ ރަޙްމަތްފުޅުން ދިވެހީންނަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލީގައި ތިބި އެއްބައެއްވަންތަ ބައެއް ކަމަށެވެ.

އޭގެ ފުރިހަމަ ފައިދާ ލިބިގަތުމަށްޓަކާ "އަޅުގަނޑުމެންގެ މެދުގައި އުފެދޭ ބައިބައި ވުންތައް ނައްތާލަން ޖެހެއެވެ. ސިޔާސީ ޚިޔާލު ތަފާތުވުންތައްވެސް ބަހައްޓަން ޖެހެނީ ވަކި އިމެއްގެ ތެރޭގައިކަން ޤަބޫލު ކުރަން ޖެހެއެވެ. އަދި ސިޔާސީ ލީޑަރުންވެސް، އަމިއްލަ ކުރިއެރުމަށްޓަކާ، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ، ބައިބައިވުން އިތުރު ކުރުންވެސް ހުއްޓާލަން ޖެހެއެވެ." އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެމްއާރުއެމުން ބުނެފައިވަނީ ޤައުމަށް ހެޔޮއެދޭ މީހަކު ރައްޔިތުން ބައިބައި ކުރަން މަސައްކަތެއް ނުކުރާނޭ ކަމަށެވެ.