ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވައިފިއެވެ. އެކުންފުނީން ވިދާޅުވީ މި ޖަލްސާގައި ވަނީ ވޭތުވެދިޔަ 2021 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި، ކުންފުނީގެ މާލީ ހިސާބުތަކާއި ކުންފުނީގެ ކުރިމަގަށް މަޝްވަރާ ކުރައްވާފައި ކަމަށެވެ.

އެގޮތުން، ދުނިޔެއަށް ދިމާވި ކޮވިޑުގެ ވަބާއާއި އެއާއެކު އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް، ކުންފުނީގެ މާލީ ހާލަތު ދެމެހެއްޓިފައިކަން އަހަރީ އާންމު ޖަލްސާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ކޮވިޑްގެ ދަތި ހާލުގައި އެކި ވަރުގެ އެހީތެރިކަން ކުންފުނީގެ ފަރާތުން ސަރުކާރާއި، ރައްޔިތުންނަށް ފޯރުވައިދީފައިވާކަމަށް ވެސް ކުންފުނީން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

މިޖަލްސާގައިވަނީ އަންނަ އަހަރަށް ކުންފުނިން ލަފާ ކުރާ ބަޖެޓްވެސް ހުށަހަޅާފައެވެ. މިއީ ސާރޕްލަސް ބަޖެޓެއް ކަމަށް ވެސް ކުންފުނީން ވިދާޅުވިއެވެ.

ކުންފުނީގެ މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރުމެވެ. އަދި އެކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ. ތެލަށް ކުރާ ހޭދަ ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުމަކީ ވެސް ކުންފުނީގެ އަމާޒެކެވެ. ކުންފުނީގެ ވިޔަފާރި ޑައިވަރސިފައިކޮށް، ސޭލްސް ސެންޓަރާއި، ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، އިތުރު ވިޔަފާރިތައް އެކްސްޕްލޯކޮށް، އެއިން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމަކީ އެކުންފުނީގެ ޚާއްސަ ލަނޑުދަނޑިއެކެވެ.

ސްޓެލްކޯއިން މިހާރުވަނީ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތު ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ ގޮތުގައި 70 މެގަވޮޓްގެ ޕަވަރޕްލާންޓެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިއެކަންއިއުލާން ކުރައްވައިފައެވެ. މީގެ އިތުރުން ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގެ ފޭސް 2 ގެ މަސައްކަތް ފަށައި، މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު އެއް ވިއުގައަކުން ގުޅުވާލުމަކީ މީގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދު ބޭއްވި އޭޖީއެމްގައި ވަނީ ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް ފާސްކޮށްފައެވެ. އޭގެ އިތުރުން އެނާރޖީ މެނޭޖްމަންޓް ސިސްޓަމެއްގެ މަސައްކަތް ފިންލޭންޑްގެ ވަރޓްސިލާއާ ގުޅިގެން ކުރަމުންދާ ކަމަށާއި، މި ސިސްޓަމް ގާއިމް ކުރެވުމާއެކު، ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެ ކަމަ މިޖަލްސާގައިވަނީ ފާހަގަކޮށްފައެވެ.

މި ޖަލްސާގައި ސްޓެލްކޯގެ އެމްޑީ ޝަރިފް ވިދާޅުވީ ކުންފުނީގެ މަސައްކަތްތަކުގައި ސަރުކާރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.