ކުރިއަށްއޮތް ރިޔާސީ އިންތިކާބުގައި އެމްޑީޕީން ވާދަކުރައްވާނޭޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ކަންކަން ބަލަަހައްޓަން ފަސް މެެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ އިންތިޚާބުކޮށްފިއެވެ.

ތާޖުއްދީން ސްކޫލް ހޯލުގައި ބޭއްވީ އެމްޑީޕީގެ ގައުމީ މަޖިލިހުން މި ކޮމިޓީ އިންތިޚާބުކޮށްފައިވަނީ ޚިޔާލު ތަފާތުވުމާއި ހޫނު ބަހުސްތަކަށް ފަހުގައެވެ. މި ބަހުސްގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ތަޅުން ދޫކުރައްވައި ވަޑައިގެންފައެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

1. އިބްރާޙީމް ވަޙީދު (ޗެއަރޕާސަންގެ ނައިބު އިދާރީ)

2. އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު (ސްޕޯކްސްޕާސަން)

3. އަކްރަމް ކަމާލުއްދީން (މަތިއުތުރު ޕްރޮވިންސްގެ ރައީސް)

4. މުޙައްމަދު އީމާން (ކެނދިކުޅުދޫ ދާއިރާގެ ރައީސް)

5. އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ އަފީފު ( ޤާނޫނީ ކޮމެޓީގެ ކުރީގެ މުޤައްރިރު)

މި ކޮމިޓީއަށް އިިންތިޚާބުވެފައިވާ ފަސް މެމްބަރުންގެ ނަންތައް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރ ޙުސައިން ޝަހީމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރ އަޙްމަދު ޢީސާއެވެ. އެނަންތަކަށް ވޯޓަށް އެހުމުން ފާސްވެފައިވަނީ ހާޒިރުވެތިއްބެވި މެމްބަރުންގެ އިއްތިފާހުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރައްވާނީ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދެވެ.