ވެސްޓްހޭމުން ލަނޑެއް ކާމިޔާބު ކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައި 3-1 އިން މޮޅުވެ ޕްރިމިއަރ ލީގް ކާމިޔާބު ކުރުމުގެ އުއްމީދު އާަސެނަލްއިން ރޭ ދަމަހައްޓައިފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ވެސްޓްހޭމުން ލީޑް ނެގީ މެޗުގެ 27 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަލްޖީރިއާގެ އެޓޭކިންގ މިޑްފީލްޑަރު ސައީދު ބެންރަހްމާއެވެ.
އާސެނަލްގެ ކުރީގެ މަޝްހޫރު ކޯޗް އާސެން ވެންގާ ކުޅިބަލަން ދަނޑުގައި އިން މެޗުގައި އާސެނަލްއިން ފެންވަރު ދައްކާލީ ދެވަނަ ހާފުގައެވެެ.
އާސެނަލްގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިންގަރ ބުކަޔޯ ސަކާއެވެ. އޭގެ ފަސް މިނެޓްފަހުން އާސެނަލްއަށް ލީޑް ނަގައިދިނީ ބްރެޒިލްގެ އުއްމީދީ ފޯވާޑް ގެބްރިއަލް މާޓިނެއްލީއެވެ. އާސެނަލްގެ ލީޑް އިތުރަށް ފުޅާކޮށްދިނީ 69 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް އެޑީ އެންކެޓިއާއެވެ.
މިމޮޅާއެކު އާސެނަލް ތާވަލުގެ ކުރީގައި އޮތީ މިހާތަނަށް ކުޅުނު 15 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. މި ފަނަރަ މެޗުގެ ތެރެއިން އާސެނަލްއިން ވަނީ 13 މެޗް ކާމިޔާބު ކޮށްފައެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އެއީ މެންޗެސްޓަރ ޔުނައިޓެޑް އަތުންނެވެ. ތާވަލުގެ ދެވަނައިގައި ނިއުކާަސަަލް އޮތީ 33 ޕޮއިންޓާއެކުއެވެ. އެކަމަކު އެއީ ތިންވަނައިގައި 32 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ސިޓީއަށްވުރެ އިތުރަށް ދެމެޗް ކުޅެގެންނެވެ.
ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެސްޓަންވިލާ އަތުން 3-1 އިން ލިވަަޕޫލް ވަނީ މޮޅުވެފައެވެ. ބްރެންޓްފޯޑާއި ޓޮޓެންހަމް ބައްދަލު ކުރި މެޗް 2-2 އިން އެއްވަރުވިއިރު ސައުތެމްޓަން އަތުން ބްރައިޓަން ވަނީ 3-1 އިން މޮޅުވެފައެވެ.