ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއަށް އެތެރެކުރުން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެވިފައިވަނީ މި އަހަަރުގެ ނޮވެމްބަރުމަހުގެ 21 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ މި ޕެކޭޖަކީ ބެލްޖިއަމުން ގެނެސްފައިވާ ޕެކޭޖްތަކެއްކަމަށެވެ. އަދި މި ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ދެޕެކެޓެއް ފެނިފާވައި ކަމަށެވެ.
މި ތަކެތި ފުރަތަމަ މަރުހަލާއިން ތަޙްލީލު ކުރިއިރު، މި ތަކެތި ވަނީ މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (mephedrone) އަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އަދި މި ތަކެތީގެ ބަރުދަނުގައި، ޕެކިނާއެކު ޖުމުލަ 1.010 ކިލޯހުއްޓެވެ. އަދި ހަމައެއާއެކު މި ތަކެތީގެ މަގުމަތީގެ އަގު 2،500،000.00 ( ދެ މިލިއަން ފަސްލައްކަ ) އަރާ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.
މިގޮތުން، މި މައްސަލައިގައި ޝާމިލުވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ އިތުރަށް ތަހްޤީޤް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޙިދްމަތާއި ހަވާލުކޮއްފައެވެ.