އަންނައަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކުރިމަތި ލައްވައިގެން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއިންތިޚާބު އެމްޑީޕީއަށް ވަރަށް މުހިންމު ކަމަށެވެ. އެހެން ކަމުން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެބޮޑީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވައިގެން ކަމަށެވެ. "މިވަގުތު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވުމުގެ ފުރުސަތު އެންމެ ބޮޑީ އަޅުގަނޑަށް،" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ރައީސް ނަޝީދެވެ. މިއަދު ޕްރެސްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހު މިވަގުތު އޮތްގޮތުން އެއްވެސް ޕާޓީއެއް އެކަނި ނުކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.