ނ. ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.

މި ދެ މަޝްރޫޢުގެ ތެރެއިން، ވެލިދޫ ބަނދަރުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އަގަކީ 50،042،766.42 ރުފިޔާއެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށް ފައިވަނީ 500 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. އަދި ހަމައެއާއެކު ގއ.ދެއްވަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަގަކީ، 210 ދުވަސްތެރޭގައި ނިންމާގޮތަށް 24،160،580 ރުފިޔާއެވެ

ނ. ވެލިދޫގެ މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

  • ބަނދަރު ފުން ކުރުން
  • އައު ބަނދަރު ފުން ކުރުން
  • ނެރު ފުން ކުރުން
  • 12 މީޓަރ ބްރޭކްވޯޓަރ ޖެހުން
  • 151 މީޓަރ ރިވެޓްމެންޓް ޖެހުން
  • 167 މީޓަރ އެއްގަމު ތޮށި ޖެހުން
  • 155 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުން
  • 10 މ ރިންގ ބޮއި ހަރުކުރުން
  • 121 އަކަ މީޓަރ ރޭންޕެއް ހެދުން
  • 120 މީޓަރ ކޮންކްރީޓް ޖެޓީ
  • 02 ނެވިގޭޝަން ލައިޓް ހަރުކުރުން
  • 22 މަގު ބައްތި ހަރުކުރުން
  • 2433 އަކަ މީޓަރު ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ގއ ދެއްވަދޫ މަޝްރޫޢުތަކުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރެވިގެންދާނެ ކަމަށް އެމްޓީސީއިން ވިދާޅުވިއެވެ.

މި ދެ މަޝްރޫޢުގެ ކޮންޓްރެކްޓްތަކުގައ ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ޕްލޭނިން މިނިސްޓްރީގައެވެ. މިގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ޝިފާއު އަލީ އެވެ.