ރާއްޖޭގެ އެންމެ ބޮޑު އެއްޕާޓީ ކަމަށްވާ އެމްޑީޕީ ބައިބައިނުވާނޭ ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާނޭ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ މިވަގުތު ކޮންމެ މަންޒަރެއް ފެންނަމުންދިޔަސް އާޚިރުގައި ކަންކަން ބަދަލުވާނޭ ކަމަށެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން އެކަންވާނޭ ކަމަކަށް. ރައީސް ނަޝީދު ހުންނަވާނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަރިހު. ހުންނަވައިގެން ކޮންމެވެސް ވަރަކަށް މަސައްކަތް ވެސް ކޮށްދެއްވާނެ. ފުލްކޮށް މަސައްކަތެއް ނުވެސް ކޮށްދެއްވާނޭ. އެކަމަކު ވަކިވެގެން ނުދާނެ،" ޢުމަރު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރުވެސް ބޭނުންފުޅުވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފަހަތަށް ޖައްސަވާފައި ކުރިއަށް ވަޑައިގންނަވަން ކަމަށް ޢުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެެސް އެފުރުސަތު ނުދެއްވާނޭ ކަމަށް ޢުމަރު ވިދާޅުވިއެވެ. "އެހެންވީމާ އާޚިރުގައި ރައީސް ނަޝީދަށް މަޖުބުރުވެ ވަޑައިގަންނަވާނެ، ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ފަހަތަށް އަރުއްވަން،" ޢުމަރު ވިދާޅުވިއެވެ.

އެ ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ކިތަންމެ ރުހިވަޑައިނުގެންނެވި ކަމަށްވިޔަސް ޖެހިވަޑައިގަންނަވާނީ އެއްކޮށް އުޅުއްވަން ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. "އެއީ އެބޭފުޅުން އެކުގައި ނުތިއްބަވައިފިއްޔާ ބަލިވާ ގަޑީގައި ދެ ބޭފުޅުންވެސް ކަނޑަށް ފައިބާ ވަޑައިގަންނަވަންޖެހިވަޑައިގންނަވާނީ. އެހެންވީމާ ނެތް އިތުރު ޗޮއިސްއެއް،" ޢުމަރު ވިދާޅުވިއެވެ.

މި މަހު 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީން ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ ވެސް ރައީސް ނަޝީދާއި ރައީސް ސާލިހެވެ. ދެ ބޭފުޅުން ވެސް މިހާރު ގެންދަވަނީ ފޯރީގައި ކެންޕޭން ކުރައްވަމުންނެވެ.