މާލޭގެ ގޭބިސީތަކުން ކުނި އުކާލުމަށް ހަމަޖެހިވާ ގަޑިތައް ރޭގަނޑަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، ގަޑިތަކަށް ބަދަލެއް ގެނައުމަށް ނިންމާފައިވަނީ މާލޭގެ އެކި ސަރައްހަދުތަކުގައި ކުނި ނެރެފައި ބަހައްޓަންޖެހޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ސިޓީ ކައުންސިލާއި، ވެމްކޯ ދެމެދު ކުރިޔަށް ގެންދެވިފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

އެގޮތުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 10:00 އިން 12:00 އަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. މި ގަޑިތަކަށް އަމަލު ކުރަން ފެށުމުން ކުނި ނެގުމުގައި ވެމްކޯއަށް ދިމާވާ ދަތިތަކަށް ވެސް ހައްލެއް އަންނާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ކުނި ނެރެން ޖެހޭ ގަޑި ނޫން އެހެން ގަޑިތަކުގައި ކުނި ނެރޭ މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށާއި ކޮތަޅުތައް ރަނގަޅަށް ބަންދުކޮށްފައި ނުބެހެއްޓުމުގެ މައްސަލަ ދިމާވާކަށެވެ. އަދި ކުނިވާ ޒާތުގެ އެއްޗެހި ގިނައިން ހުރުމުގެ ސަބަބުން އެ ސަރަހައްދުތަކުގައި ނުބައި ވަސް ހުންނަ ކަމަށް ސިފާ ވިދާޅުވިއެވެ. އޭގެ ސަބަބުން ކޮތަޅުތަކުގައި ހުންނަ ކާތަކެތި ބުޅާތައް ކައި، ހަދާކަމަށް ސިފާ ވަނީ ވިދާޅުވެފައެވެ.