މިމަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދާނީ ދެފުށްފެންނަ އެހާމެ ހާމަކަން ބޮޑު ގޮތަކަށް ކަމަށް ޕްރަައިމަރީގެ ޝަކުވާތައް ބަލާ ކޮމިޓީން މިއަދު ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރ އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު ވިދާޅުވީ އެކޮމިޓީގައި ތިބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއިދުކުރާ މެމްބަރުން ކަމަށް ބުނެ ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން ތުހުމަތުތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ޕްރައިމަރީގެ ކަންކަން އިންސާފުވެރި ނުވާނޭ އެ މެމްބަރުން ބުނަމުން ގެންދާ ކަމަށެވެ. ވަކި ކެންޑިޑޭޓަކަށް ތާއިދުކުރާ މެމްބަރުން ކޮމިޓީގައި ތިއްބަސް އެއީ ޕްރައިމަރީގެ ކަންކަން އިންސާފުވެރިނުވާންވީ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ހުރިހާ ކަމެއްވެސް އޮންނަ އުސޫލުން ދެފުށް ފެންނަގޮތަށް ގެންދިޔައިމާ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން ބުނަމުން ގެންދަނީ އެމްޑީޕީން ވަނީ ނަޝީދަށް ތާއިދުކުރާ މެމްބަރުންތަކެއް ޕާޓީން ވަކިކޮށްފައި ކަމަށެވެ. އެހެންނަމަވެސް އެކަންވެސް އިބްރާހީމް ވަހީދު ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައީސް ސާލިހަށް ތާއިދުކުރާ މެމްބަރުންތަކެއް ވެސް ވަކިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އަލުން ޕާޓީއާ ގުޅުމަށް ހުޅުވާލި ފުރުސަތުގައި އެމީހުން ވަނި އަލުން ޕާޓީއާ ގުޅިފައި ކަމަށް ވެސް ވިދާޅުވިއެވެ.