ޗައިނާގެ އާ ފޮރިން މިނިސްޓަރު ކިން ގޭންގް މަގާމާ ޙަވާލުވެ ވަޑައިގެން ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވީ އިންޑިއާއާއި ޗައިނާއާ ދެމެދުގެ ބޯޑަރު އެއޮތް ގޮތަށް ދަމަހައްޓަން ބޭނުންފުޅުވާ ކަމަށާއި އަދި ސުލްޙަ ދެމެހެއްޓުމަށްޓަކައި، މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެމެރިކާގައި ޗައިނާގެ ސަފީރުކަން ކުރެއްވި ކިން، ޗައިނާގެ އާ ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކޮށްފައި ވަނީ ހުކުރު ދުވަހު އެވެ. އޭނާގެ ކުރިން އެމަގާމުގައި ދިހަ އަހަރު ވަންދެން ހުންނެވީ ވަންގް ޔީ އެވެ.

އެމެރިކާގައި ހުންނަވާ ޗައނާ ސަފީރުކަން ކުރެއްވުމުގެ ކުރިން ކިން ވަނީ 2014 އާއި 2018 އާ ދެމެދު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޗީފް ޕްރޮޓޮކޯލް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ޑިސެމްބަރު 26 ވަނަ ދުވަހު އެމެރިކާގެ "ނޭޝަނަލް އިންޓަރެސްޓް" މަޖައްލާ އަށް "ޗައިނާ ސީސް ދަ ވޯލްޑް" ގެ ނަމުގައި ލިޔުއްވި އޮޕް އެޑް އާޓިކަލެއްގައި ކިން ވަނީ އިންޑިއާ އާއި ޗައިނާގެ ގުޅުމަށް އިޝާރާތް ކުރައްވައި ވިދާޅުވީ މިހާރު ދިމާވެފައިވާ ޙާލަތަށ ްބަދަލު ގެނައުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ޓައިވާނާއި ޗައިނާ ދެމެދުގެ ޙާލަތަށް ބަދަލު ގެނަސްފައި ވަނީ އެމެރިކާއިން ކަމަށެވެ. އަދި ދެކުނު ޗައިނާ ކަނޑުގެ ކުރިން އޮތް ޙާލަތު ބަދަލުކޮށްފައި ވަނީ ޖަޕާނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ ޚާރިޖީ ވަޒީރު ކިންގެ މި ލިޔުއްވުމަކީ ޗައިނާ ސަރުކާރުގެ މިހާރުގެ ވިސްނުން ދައްކައި ދިނުމުގެ ގޮތުން ލިޔުއްވާފައިވާ ލިޔުއްވުމެއްކަމަށް ނިއު ދިއްލީން ދެކޭ ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ.

އޭނާ އިތުރަށް ލިޔުއްވަމުން ވިދާޅުވީ ޗައިނާގެ ތަރައްގީގެ މާނައަކީ ދުނިޔޭގެ ސުލްޙައަށް ޗައިނާއަކީ ވަރުގަދަ ބާރެއް ކަމަށާއި، ބައެއް މީހުން ދެކޭ ގޮތާ ޚިލާފަށް ޗައިނާއަކީ، ދުނިޔޭގެ މިހާރު ނިޒާމު ބަދަލުކޮށްލުމަށް އަރަމުން ދާ ބާރެއް ނޫން ކަމަށެވެ.