ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

ރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނަކާއި ދިހަ ފިރިހެނެކެވެ. ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާއިން ރޭ ހައްޔަރުކުރި 15 މީހުން ވެސް ދޫކޮށްލީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭސިޓީކައުންސިލްގެ ހުޅުމާލޭޭ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވެސް ހިމެނެއެވެ. އޭނާ ވެސް ރޭ ވަނީ ދޫކޮށްލައިފައެވެ.

ރޭގެ އެއްވުމުގައި ވެސްވަނީ ރައީސް ޔާމީނަށް ކޮށްފައިވާ 11 އަަހަރުގެ ހުކުމަކީ ނުފޫޒުން ކޮށްފައިވާ ހުކުމެއް ކަމަށާއި އެެއީ ބަލައިގަންނަ ހުކުމެއް ނޫންކަމަށް ބުނެ އަޑު އުފާލާފައެވެ. އެހެން ކަމުން އެމަނިކުފާނު ވަގުތުންވަގުތަށް ދޫކޮށްލުމަށް ވެސް ގޮވާލައިފައިވެއެވެ. ރައީސް ޔާމީނަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓީކެޓު ދީފައިވާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.