ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމަކީ ކުރައްވަން އެނގިވަޑައިގަންނަވާ ކަމެއް ކަމަށާއި ރައްޔިތުންނަށް އެކަން ކޮށްދެއްވާނޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ބޮނޑިބަތް ޕާކުގައި ރޭ ބޭއްވި ރިޔާސީ ޕްރައިމަރީ ކެންޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވިދާޅުވީ މިސަރުކާރަށް އެމްޑީޕީގެ ގިނަ މެމްބަރުންގެ ނުރުހުންތެރިކަން ކުރިމަތިވެެފައިވަނީ އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިން ފޯރުކޮށްނުދެވޭތީ ކަމަށެވެ. މިފަރުގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތި ލައްވާފައިވަނީ ފުލެޓު ދޮންބެ ކަމަށާއި ފުލެޓު އަޅައިދީ ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ބިންބޮޑެތި ރަށްރަށަށް ވެސް މި މައްސަލަ ދިމާވެފައިވާ ކަމަށެވެ. ކުދި ރަށްރަށުގެ ތެރެއިން ވަށައިގެން ބިން ހިއްކާފައިވާ ރަށްރަށުން ވެސް އެންމެ ކުޑަމިނުން ގޯއްޗެއް ވެސް ނުލިބޭ ކަމަށް ރައީސް ވިދާޅުވިއެވެ. ބިންހިއްކާފައިވާ ރަށްރަށުން ހަ މަސްތެރޭގައި ބިން ކަނޑައިދޭނޭ ކަމަށް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވައުދުވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ވެސް އެކަށީގެންވާ ގޮތަކަށް ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. މިހުރިހާ މައްސަލަ ތަކަށް އެމަނިކުފާނުގެެ ސަރުކާރެއްގައި ހައްލު ހޯއްދަވައިދެއްވާނޭ ކަމަށާއި އެއީ އެމަނިކުފާނު ޝައްކުު ކުރައްވާ ކަމެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާއަށްފަހު އެމަނިކުފާނު މިއަދުވަނީ ކެންޕޭނަށް ފުވައްމުލައް ސިޓީއަށް ވަޑައިގެންފައެވެ.