ފުވައްމުލައް ސިޓީގައި އެއްހާސް ޓޫރީސްޓު އެނދު ތަރައްގީކޮށްދެއްވާނޭ ކަމަށް ވިދާޅުވެ އެސިޓީގެ ރައްޔިތުންނަށް ރައީސް މުހައްމަދު ނަޝީދު ފޮނި އުންމީދެއް ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕޭނަށް އެ ސިޓީއަށް މިއަދު ވަދައުގެން ދޫނޑިގަން އަވަށުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރަށްރަށުގައި ޓޫރީސްޓު އެނދު ތަރައްގީ ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. އެހެންނަމަވެެސް އަދާ ހަމައަށް އެންމެ އެދެވޭ ގޮތުގައި އެކަން ސަރުކާރަށް ކުރެވިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފުވައްމުލައް ސިޓީގައި އެކަންކުރެވޭނޭ ވަސީލަތްތަކާއި ބިމާއި ފައިސާއި ކަނޑުއަޑީގެ ރީތިކަމާއި އެހެނިހެން ވަސީލަތްތައް ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު އަނެއްކާވެސް ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެންނެވީ އެ ވައުދުތައް ފުއްދައި ދެއްވުމަށް ކަމަށެވެ.