ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ރޭ ބޭއްވި މުޒާހަރާއިން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ކޯލީޝަނުން ބުނެފިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިމެނި ވަޑައިގަންނަވައެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ މި މުޒާހަރާތަކަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑަރ ކޮށްފައިވާ ކަމުގެ ކުށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބޮތުވުމުން ކުރައްވާ ފައިވާ 11 އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަ ބާއްވާ މުޒާހަރާ ތަކެކެވެ.

ޕީޕީއެމް/ޕީއެންސީން ބުނަމުން ގެންދަނީ ރައީސް ޔާމީނަށް ކުރައްވާފައިވާ ހުކުމަކީ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ "ހަރާމް ހުކުމެއް" ކަމަށެވެ. ރައީސް ޔާމީނަސް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2022 ވަނަ އަހަރުު ޑިސެންބަރު 25 ވަނަ ދުވަހުއެވެ. އެފަހުން އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.