ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން ކުރާ ހަނގުރާމައިގައި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ، މަދުން ނޫނީ ނުފެންނަ މުޒާހަރާތައް ބޭއްވުމަށް މެދުވެރިވި ކަންކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އާ އަހަރުގެ ޚިޠާބުގައި ޗައިނާ ރައީސް ޝީ ވިދާޅުވީ ޗައިނާ އޮތީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ އާ މަރުހަލާއެއްގައި ކަމަށާއި، ސައިންސް އަށް ބިނާކޮށް ސައިންސްގެ އުސޫލަށް ތަބާވެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އެއް ދުވަސް ކުރިން އޭނާ ވިދާޅުވީ ޗައިނާގެ ކޯވިޑް ސްޓްރެޓެޖީ ބައްޓަން ކޮށްފައިވަނީ މީހުންގެ ފުރާނަ ހިމާޔަތްކޮށް އިގްތިސާދީ ގެއްލުން އެންމެ ކުޑަކުރުމަށް ކަމަށެވެ.

ރައީސް ޝީގެ ޓީވީ ޚިތާބު ދުރަށް ފޮނުވާފައިވަނީ ޗައިނާއިން ކޯވިޑް އަދަދުތައް ދަށްވެފައިވާ ކަމަށް ބުނެފައިވާ ދުވަހުގައެވެ.

2022 ވަނަ އަހަރު ޗައިނާގެ އިގްތިސާދު 3 ޕަސެންޓަށް ކުރިއެރުން މަޑުޖެހިފައިވާ ކަމަށް މުހައްލިލުން ލަފާ ކުރެއެވެ. ޝީ ވިދާޅުވީ ޗައިނާގެ ޖުމްލަ އުފެއްދުންތެރިކަން މިދިޔަ އަހަރު 120 ޓްރިލިއަން ޔުއާން (17.4 ޓްރިލިއަން ޑޮލަރު) އަށް ވުރެ މަތިވެފައިވާ ކަމަށެވެ. އަދި އެ އަދަދުތަކުން އިގްތިސާދު 4.4 ޕަސެންޓަށް ފުޅާވެފައިވާ ކަމަށް ދައްކައެވެ.

ނިމިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ސަރުކާރުން ވަނީ ކުރިން ގެންގުޅުނު ކުއްލި ލޮކްޑައުންތަކާއި ގިނަގިނައިން އާންމުން ޓެސްޓު ކުރުމާއި ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުންފަދަ ފިޔަވަޅުތަކަށް ލުޔެއް ދީފައެވެ. އޮކްޓޯބަރު މަހުގެ މެދުތެރޭގައި ވެސް އިގްތިސާދީ ހަރަދުތައް ބޮޑުވި ނަމަވެސް ޝީ ވަނީ ތަކުރާރުކޮށް އޭނާގެ ކޯވިޑް ސްޓްރެޓެޖީތައް ދިފާއުކޮށްފަ އެވެ.

ޝީގެ ޚިތާބުގައި ޗައިނާގެ ލީޑަރު ވަނީ ހަރުކަށި ލޮކްޑައުންތަކުގެ އިތުރުން ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރު ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އޭނާ ވދާޅުވީ، ކޮވިޑް-19 ޖެހުނު ފަހުން ޗައިނާއިން ރައްޔިތުން އިސްކޮށް، ދިރިއުޅުން އިސްކޮށްފައިވާނެ ކަމަށެވެ. އަދި ބުރަމަސައްކަތުން މިހާރު ކުރިއެރުން ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ޗައިނާ ވަނީ ކޯވިޑް ރެސްޕޮންސްގެ އާ މަރުހަލާއަކަށް ވަދެފައި ކަމަށާއި، އެ މަރުހަލާގައި އަދިވެސް ހަރުކަށި ގޮންޖެހުންތަކެއް ކުރި ކަމަށެވެ.

ޝީ ވަނީ އޮކްޓޯބަރު މަހު ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްއެއްގައި ވެރިކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ކުރައްވައި އޭނާގެ ކާމިޔާބީތަކުގެ ވާހަކަ ފަށް ކުރައްވާފައެވެ. ނަމަވެސް މަހަކަށް ވުރެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާގެ ސަރުކާރަށް ފުޅާ ދާއިރާއެއްގައި މުޒާހަރާތަކާ ކުރިމަތިލާން ޖެހުނެވެ. އަދި އޭނާގެ "ޒީރޯ ކޯވިޑް" ސްޓްރެޓެޖީއާ މެދު އާންމުންގެ ރުޅިވެރިކަން މަގުމަތިން ފެނިގެން ދިޔައެވެ.

ޒުވާނުންގެ މުޒާހަރާތަކަށް ސީދާ އިޝާރާތް ނުކުރައްވައި ޝީ އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ އެގައުމުގެ 1.4 ބިލިއަން މީހުން ބައެއް މައްސަލަތަކުގައި ތަފާތު ކަންބޮޑުވުންތަކާއި ވިސްނުންތައް ހުރުމަކީ ތަބީއީ ކަމެއް ކަމަށެވެ. ނަމަވެސ ްމުހިންމު ކަމަކީ ވާހަކަ ދައްކައިގެން މަޝްވަރާގެ ތެރެއިން އިއްތިފާގެއް ބިނާކުރުން ކަމަށް ވިދާޅުވި އެވެ.