އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ޖޫރިމަނާ ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްއާރުމުން ބުނެފައިވަނީ އެ ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ ކަމަށް އީސީން ވިދާޅުވެފައިވާ ކަމަށެވެ. "އެނގިވަޑައިގަންނަވާނެ ފަދައިން މިޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 20 ނޮވެމްބަރ 2019 ގައެވެ. އެގޮތުން، 2019 ވަނަ އަހަރުގެ 42 ދުވަހުގެ ހިސާބު 2020 ވަނަ އަހަރުގެ ހިސާބާއި އެއްކޮށް ހުށަހެޅުމުގެ ހުއްދަ އަށް މިޕާޓީގެ ނަންބަރު MRM/EC/2020/021 ސިޓީ އިން އިލެކްޝަންސް ކޮމިޝަންގައި ވާނީ އެދިފައެވެ. މިގޮތަށް އެދިފައިވަނިކޮށް، ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) 22 ސެޕްޓެމްބަރ 2020 ގައި ވަނީ ގެޒެޓު ކުރެވިފައެވެ. އެގޮތުން، ޤާނޫނު ނަންބަރު 20/2020 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020) ގެ މާއްދާ (ވަކި މުއްދަތެއްގެ ތެރޭގައި ކުރުން ލާޒިމު ކަންކަން ފަސްކުރެވުން) 43 ގެ (ހ) "މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ވަކި ޤާނޫނެއްގައި ވަކި ކަމެއްކުރުމަށް މުއްދަތެއް ނުވަތަ ތާރީޚެއް ކަނޑައެޅިފައިވާ ޙާލަތުގައި، އަދި އެ ޤާނޫނެއްގައި ބަޔާންކުރާ މުއްދަތު ނުވަތަ ތާރީޚު ދިމާވަނީ، މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާން ކުރާ މުއްދަތާ ކަމުގައިވާނަމަ، އެކަން ކުރުމަށް އެ ޤާނޫނަކުން ކަނޑައެޅިފައިވާ މުއްދަތައް ނުވަތަ ތާރީޚަށް ޢަމަލުކުރުން، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މެދުކެނޑުނީއެވެ."
މީގެ އިތުރުން އެ މާއްދާގެ (ނ) ގައި "މި މާއްދާގެ (ހ) ގެ ދަށުން ފަސްކުރެވެނީ މާލީ ހިސާބު ނުވަތަ އަހަރީ ރިޕޯޓު ހުށަހެޅުމަށް ކަމާބެހޭ ޤާނޫނަކުން ކަނޑައެޅިފައިވާ މުއްދަތެއްނަމަ، އެ މާއްދަގެ ބޭނުމަށްޓަކައި އެ މުއްދަތު ގުނުން މެދުކެނޑިފައިވަނީ، 12 މާރިޗު 2020 އިން ފެށިގެން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެންނަ ތާރީޚުގެ ނިޔަލަށް ކަމުގައި ބެލެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަލުން އެ މުއްދަތު ގުނަން ފަށާނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެންނަ ތާރީޚުން ފެށިގެން ކަމަށް ވެސް ބުނެފައިވެއެވެ. އެހެން ކަމުން، 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް މިޤާނޫނުން ފަސްކުރެވިފައި ވީހިނދު، އެމް.އާރް.އެމްއިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި އެކު، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމުގެ (13 މާރިޗު 2022) ކުރިން، 31 މާރިޗު 2021 ގައި އިލެކްޝަންސް ކޮމިޝަނަށް ވާނީ ހުށަހަޅާފައި ކަމަށް އެޕާތީން ބުނެފައިވެއެވެ.
އީސީން އެޕާޓީ ޖޫރިމަނާ ކޮށްފައިވަނީ ކަންކަން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވައި ކަމަށް ވެސް އެމްއާރުއެމުން ބުނެފަައިވެއެވެ. އީސީން ވަނީ އެމްއާރުއެމާއެކު އިތުރު 6 ޕާޓީއެއް ވިހި ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އިލެކްޝަންސް ކޮމިޝަން ގެ ނިންމުން މުރާޖާ ކޮށްދެއްވުމަށް އެދި އެމްއާރުއެމުން ވަނީ އީސީއަށް ގޮވާލައްވައިފައެވެ.
އެޕާތީން ބުނެފައިވަނީ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުވެސް ޤާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ވާނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ކަމަށެވެ. 2022 ވަނަ އަހަރުގެ އޮޑިޓްގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ވެސް ބުނެފައިވެއެވެ.