ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ.އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް މިއަދު ފެށްޓެވި މި ދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވިދާޅިވިއެވެ.
މިދަތުރުފުޅުގައި ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ ޢާއިލީ ހަވީރުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެ އޮފީހުން ވިދާޅުވި ގޮތުގައި، މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، މިދަތުރުފުޅުގައި ރައީސް ސޯލިހު ރ. އަތޮޅު ކައުންސިލާއި، އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާނެކަމަށާއި. އަދި، އަލިފުށީ ސްކޫލްގައި ޢިމާރާތްކޮށްފައިވާ މަލްޓިޕަރޕަސް ހޯލް ހުޅުއްވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި މިދަތުރުފުޅު ވަނީ މާދަމާ ނިންމަވާލެއްވުމަށްވެސް ހަމަޖެހިފައެވެ.