މާލެ ސިޓީ ކައުންސިލު ޚާއްސަ ޓެލެތޯން "ޗާލު މިސްކިތް" ހަރަކާތުގައި ކުޑަ ކުދިންގެ ހަވީރެއް ބާއްވާނޭ ކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.

މި ޓެލެތޯންއަކީ މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ބާއްވާ ޚާއްސަ ޓެލެތޯނެކެވެ. މިފަދަ ޓެލެތޯނެެއް ބާއްވަން ސިޓކައުންސިލުން ނިންމެވީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށްވާތީއެވެ. އެހެނަސް މިސްކިތްތައް ކައުންސިލާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލައި ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

އެހެން ކަމުން އެތަންތަނުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ. ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެއެވެ. ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމައްޓަކައެވެ.

މާލެ ސިޓީ ކައުންސިލުން ބާއްވާ "ޗާލު މިސްކިތް" ހަރަކާތުގައި އޮންނަ ކުޑަ ކުދިންގެ ހަވީރުގައި "ބައުންސީ ކާސަލް" އާއި ކުރެހުމާއި ކުލަޖެއްސުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ހަރަކާތް ކުރިއަށް ދާނީ ޖެނުއަރީ މަހުގެ 6 އިން 7 އަށް ކަމަށް ވެސް މާލޭ ސިޓީކައުންސިލުން ވިދާޅުވިއެވެ. ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ (ހުކުރު) ހަވީރު 4 އިން ފެށިގެން 6 އަދި ރޭގަނޑު 8 ފެށިގެން ރޭގަނޑު 11 އާ ހަމައަށް ހަރަކާތް ކުރިއަށްދާނޭ ކަމަށްވިދާޅުވިއެވެ. ޖެނުއަރީ 7 ވަނަ ދުވަހު (ހޮނިހިރު) ހެނދުނު 9 އިން ފެށިގެން 6 އަދި ރޭގަނޑު 8 ފެށިގެން 11 އާއި ހަމައަށް މި ހަރަކާތް ކުރިއަށް ދާނެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.