މިފްކޯ އާއި އެފްއެސްއެމްއާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން މިފްކޯ ކޫއްޑޫ އަދި ސ.ހުޅުމީދޫގެ ފިއުލް ޓާމިނަލް ހިންގުން އެފްއެސްއެމްއާ ހަވާލުކޮށްފިއެވެ. އެ ދެފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނުއަރީ ތިންވަނަ ދުވަހުއެވެ.

މި ބަދަލަކީ މިފްކޯގެ ސައިޓްތައް މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ގެނެވުނު ބަދަލެކެވެ. މި ބަދަލުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ބޭނުންވާވަރަށް، މިފްކޯގެ ސައިޓުތަކުން ތެޔޮ ގަންނަން ލިބޭނޭގޮތް ހަމަޖައްސައިދިނުމެވެ. އެގޮތުން، އެފް.އެސް.އެމް ވަނީ، މިފްކޯގެ ޓާމިނަލްތަކުގައި މަދުނުވާވަރަށް އަބަދުވެސް ތެޔޮލިބެން ހުންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯއިން ފިއުލް އޮޕަރޭޝަންތައް އެފްއެސްއެމްއަށް ހަވާލުކުރުމަށް އެހީތެރިވެދޭނެއެވެ. މިއާއެކު މިފްކޯގެ މައިގަނޑު ވިޔަފާރި ކަމުގައިވާ، މަސް ޕްރޮސެސްކުރުން، ކުރިއެރުވުމަށް ޚާއްސާ ސަމާލުކަމެއް ދެވިގެންދާނެ ކަމަށް މިކަމާބޭ ގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

މިވަގުތު މިފްކޯއިން މަސްވެރިންނަށް ފައިސާ ދައްކަނީ ފިއުލް ބިލް އުނިކުރުމަށްފަހު ކަމަށްވެސް ބަޔާނުގައި ވެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވުމުން، މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައިވާނީ ސީދާ އެފްއެސްއެމްއަށެވެ. މިއާއެކު މިފްކޯއިން މަސްވެރިންނަށް އެ ފަރާތްތަކުން ބާނާ މާހުގެ ޖުމްލަ ފައިސާ، ފިއުލްއަށް ނުކަނޑާ، ލިބިގެންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އޮޕަރޭޝަންތަކަށް ބަދަލު ގެނައުމުގެ އިތުރުން މަސްވެރިކަންކުރާ އުޅަނދުފަހަރަށް ކްރެޑިޓް ސްކީމެއް ހުޅުވާފައިވާނެކަމަށް އެފްއެސްއެމްއިން ވަނީ އިއުލާން ކޮށްފައެވެ. އެ ސްކީމްގެ ދަށުން މަސްބަނާ އުޅަނދުތަކަށް ކްރެޑިޓް އުސޫލުން، ތެޔޮ ގަނެވޭނެ އެވެ. މި ކްރެޑިޓް ފެސިލިޓީ ބިނާވެގެންދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށެވެ.

އެފްއެސްއެމް އިން ކްރެޑިޓް ސްކީމަށް އެޕްލިކޭޝަން ހުޅުވާފައިވަނީ އެ ކުންފުނީގެ ވެބްސައިޓުން ލިބޭ ފޯމެއް މެދުވެރިކޮށް ކަމަށާއި އެ ފޯމު މިފްކޯ ކޫއްޑޫ އަދި ހުޅުމީދޫ ސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ. މީގެ އިތުރުން މަސްވެރިން ހަރަކާތްތެރިވާ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވެސް މި ފޯމު ވަނީ އާންމުކުރެވިފައެވެ.

އެފްއެސްއެމް އިން އިލްތިމާސް ކުރަނީ ފަސޭހަކަމާއެކު ބަދަލުތައް ގެނައުމަށް ހުރިހާ މަސްވެރިން ވެސް ކްރެޑިޓް ފެސިލިޓީ އަށް މަހެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވުމަށެވެ. ކުރިއަށް އޮތްތާންގައި، މަސްބިލުން ތެލަށްދައްކަންޖެހޭ ފައިސާ ނުކެންޑޭނޭކަމުން، ކްރެޑިޓް ފެސިލިޓީ ހަމަޖެހިފައިނުވާނަމަ، ތެޔޮ ގަތުމުގައި މަސްވެރިންނަށް އުނދަގޫތެކެއް ކުރިމަތިވެގެން ގޮސްދާނެތީ މި މުއްދަތު ތެރޭގައި ހުރިހާ ރަސްމީ ކަންތައްތައް ފުރިހަމަ ކުރުމަށް އެފްއެސްއެމްއިން ވަރަށް ބޮޑަށް ލަފާދިފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ޑީސަލްގެ އަގުތައް 'ފަހި ހަކަތަ' އެޕްލިކޭޝަންގައި ޝާއިޢުކޮށްފައިވާގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ލިބިގެންދާނެއެވެ. އަދި "ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިނުވާ މަސްވެރިކަން ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދުފަހަރުތަކަށް މަސްވެރިންނަށް ހާއްސަކުރެވިފައިވާ ސްޓޭންޑަރޑް ރޭޓެއްގައި ޑީސަލް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.