ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ދިރިއުޅުމުގެ ކަންކަން ފޮރުވަން ރަޝިޔާއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް ކެމެރާތަކުގެ ލެންސުން ބައެއް ފަހަރު ބައެއް ހަގީގަތްތައް ނިކަން ބޮޑުކޮށް ދައްކާލައެވެ. މިފަހަރުވެސް ނޫސްވެރިން ޝައުގުވެރިވެފައި ވަނީ ދާއިމީ ގޮތެއްގައި ޕޫޓިންގެ ފޮޓޯތަކުން ފެންނަ ބްލޮންޑް ރީތި އަންހެން ކުއްޖަކަށެވެ. މީޑިއާ ބުނާ ގޮތުން އެކި މުނާސަބާތަކުގައި އެ އަންހެން ކުއްޖާ ފޮޓޯތަކުގައި އެކި ގޮތްގޮތަށް ފާޅުވެއެވެ. މުނާސަބާއާ ގުޅޭ ގޮތަށް ހެދުން ބަދަލުކޮށްލައެވެ.

އެންމެ ފަހުން މި ސިއްރު އަންހެން ކުއްޖާ ފެނިގެން ދިޔައީ ރަޝިޔާގެ އޮރްތޯޑަކްސް ފައްޅީގެ އާ އަހަރުގެ މުޖނާސަބާގައި 2023 ވަނަ އަހަރަށް ރައީސް ޕޫޓިން ދެއްވި މެސެޖުގައި ސިފައިންގެ ޝަރަފްވެރި އިނާމެއް ލިބިގަތް ޒުވާން އަންހެނެއްގެ ގޮތުގައެވެ.

އޭގެ ކުރިން އެ އަންހެން ކުއްޖާ ވަނީ “އައިސްކްރީމް” ވިއްކާ މީހެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ. އަދި އެހެން ފަހަރަކު މަސްވެރިންނާއެކު މަސްވެރިއެއްގެ ގޮތުގައި ފެނިގެން ގޮސްފައި ވެއެވެ. އަދި ފައްޅީގެ ފާދިރީންނާއެކު ފާދިރީ އާއިލީ ކުއްޖެއްގެ ގޮތުގައިވެސް ފެނިގެން ގޮސްފައި ވެއެވެ.

ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިޔާ ރައީސްގެ އާ އަހަރުގެ ތަގުރީރު ބްރޯޑްކާސްޓް ކުރުމުގައި އަސްކަރީ ހެދުން އަޅައިގެން އެހެން ޝަރަފުވެރި ސިފައިންނާ އެކު ޝަރަފުވެރިކަން ލިބުނު ބްލޮންޑް އަންހެން ކުއްޖާ އަބަދުވެސް ފެންނަނީ ޕޫޓިންގެ އިވެންޓްތަކުންނެވެ.

ރޭޑިއޯ ފްރީ ޔޫރޮޕާގެ ޓެލެގްރާމް ޗެނަލްގައިވެސް މި ކުއްޖާއަކީ ހޫނު މައުޟޫއެކެވެ. 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޮވްގޮރޯޑް ސަރަހައްދުގެ ލޭކެއްގައި މަސްވެރިންނާއެކު ޕޫޓިން ފޮޓޯއެއް ނެންގެވި އިރު އެ އަންހެން ކުއްޖާއަކީ މަސްވެރިއެކެވެ. އެއިރު އޭނާގެ ނަމަކަށް ބުނެފައި ވަނީ ލާރިސާ ސެރްގޮކިނާ ކަމަށެވެ.

އެއަށްފަހު 2017 ވަނަ އަހަރު ނޮވްގޮރޯޑްގެ ފައްޅިއެއްގައި ޕޫޓިންގެ ވަށައިގެން އެއްވި ފައްޅީގެ ފާދިރީންގެ އާއިލީ މީހުންގެ ގްރޫޕެއްގައިވެސް އޭނާ ފެނުނެވެ.

އަދި އިތުރު ދެ ފަހަރެއްގެ މަތިން، 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް މޮސްކޯގައި ބޭއްވި އެއާޝޯއެއްގައި ޕޫޓިންއަށް އައިސްކްރީމް ވިއްކަން ހުއްޓައި ފެނުނެވެ.

އިނގިރޭސިވިލާތުގެ ނޫސް "ދަ ސަން" އިން 2019 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޫޓިން ވަނީ އެ އެއާޝޯގައި 4 ހާސް ރޫބަލް (ގާތްގަނޑަކަށް 60 ޑޮލަރު) އަށް ވުރެ ބޮޑު އަދަދެއް އެއް އައިސްކްރީމްގެ ފައިސާއަށް އެކުއްޖާއަށް ދެއްވާފައެވެ. އަދި ބާކީ ފައިސާ ވައިގެ ދަތުރުފަތުރު ތަރައްގީ ކުރުމަށް އޭވިއޭޝަން މިނިސްޓަރަށް ހަދިޔާކުރުމަށްވެސް އެދިވަޑައިގަތެވެ.

އެއިރު ކްރެމްލިންގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނީ މި އަންހެންކުއްޖާއަކީ ޕޫޓިންގެ އެސްޕީޖީގެ މެމްބަރެއް ކަމަށެވެ. އަދި އާދައިގެ ރަޝިޔާ މީހަކަށް ވެގެން ޝިޔާގެ ރައީސް ހާޒިރުވާ މުނާސަބާތަކުގައި ހަރަކާތްތެރިވާ ސިއްރު އެޖެންޓެއް ކަމަށެވެ.

މިއަހަރުގެ އާ އަހަރުގެ ތަގުރީރު، ޕޫޓިން ބްރޯޑްކާސްޓް ކުރެއްވި އިރު އެ އަންހެން ކުއްޖާއަކީ ރަޝިޔާ ސިފައިންގެ ޑޮކްޓަރެކެވެ. އޭނާގެ ނަމަކީ އެނާ ސިޑޯރެންކޯ ކަމަށް ފާހަގަ ކުރެވުނެވެ.

ޔޫކްރޭންގެ ހަނގުރާމައާ ބެހޭ މެސެޖެއް ޕޫޓިން ދެއްވިއިރު ޔުނީފޯމްގައި ތިބި އެހެން ސިފައިންގެ އެކުވެރިންނާ އެކު ޕޫޓިންގެ ފަހަތުގައި އެޒުވާނާ ހުއްޓެވެ.