ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް މިރޭ އިފްތިތާޙްކޮށްފިއެވެ. ދަފްތަރު އިފްތިތާހު ކޮށްދެއްވީ 2022 ވަނަ އަހަރުގެ ބައިނަލްއަގަވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަލިފުށީ ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މި ދަފްތަރަކީ، އެފަދަ ފަރާތްތަކަށް ފުރުޞަތުތައް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިއްމު ބައެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މަޢުލޫމާތު، ރައްކާތެރިކަމާއި ފަސޭހަ ކަމާއެކު ބެލެހެއްޓުން ކަމަށެވެ. މިދަފްތަރުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ކެޓަގަރީ ކުރެވި، އެފަރާތްތަކުގެ ހާލަތްތަކަށް ވަކިވަކިން ބެލި، އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޤާނޫނުގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީއެހީ އާއި އެހެނިހެން އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަން ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަން ވެސް މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ރިވެލި މަޢުރަޒަކީ، އެފަދަފަރާތްތަކުގެ ހުނަރުވެރިކަން ފެނިގެންދާ މަޢުރަޒެއްކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ، ޤައުމުގެ ކޮންމެ ފަރުދެއްގެ އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމާއި، އެ ޙައްޤުތައް ލިބިދިނުން ކަމަށެވެ.

މި ޖަލްސާގައި ރިވެލި ތަރި އެވޯޑް ހާސިލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ވެސް ވަނީ ދެއްވައިފައެވެ. އެވޯޑު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ރިވެލި ތަރިއެވޯޑަކީ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ރިވެލި މަޢުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން ވަނަ ހޯދާފައިވާ ފަރާތްތަކަށް ދެއްވާ ޚާއްޞަ އެވޯޑެކެވެ. މިއެވޯޑު މިއަހަރު، ފަސް ދާއިރާއަކުން 8 ފަރާތަކަށް ވަނީ ދެއްވާފައެވެ.