އިސްރާއީލުގެ ސެކިއުރިޓީ މިނިސްޓަރ އަލްއަގްސާ މިސްކިތުގެ ހަރިއްމައަށް ވަން މައްސަލައާ މެދު ރާއްޖެއާއެކު އިސްލާމީ ގައުމުތަކުގެ ތާއީދާއެކު އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް މިރޭ ދަންވަރު ބަހުސްކުރުން އޮންނާނެއެވެ.
ނަތަންޔާހޫގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުގެ ސެކިއުރިޓީ މިނިސްޓަރ އިޓާމާރް ބިން ޣަފީރް އަޤްސާ މިސްކިތުގެ ހަރިއްމައަށް ވަން މައްސަލާގައި އިޒްރޭލުގެ ސަރުކާރުގައި ހިމެނޭ ދީނީ ޕާޓީތަކުންވެސް އޭނާއަށް ފާޑު ކިޔާފައި ވެއެވެ. ނަތަންޔާހޫގެ ކޯލިޝަން ސަރުކާރަށް ތާއީދުކުރާ ހަރުކަށި އުސޫލީ ސަލަފީ އޮތޮޑޮކްސް ޔަހޫދީންގެ އިސް ފަރާތްތަކުން ބިން ޣަފީރަށް ފާޑުކިޔާފައި ވަނީ ޔަހޫދީންގެ ފާދިރީން ޒަމާނުއްސުރެން ނެރެފައިވާ ފަތުވާއާ ދެކޮޅަށް އޭނާ އަމަލު ކުރުމުންނެވެ.
ގާނޫނު ހަދާ މަޖިލީސް ކެނެސެޓްގެ މެމްބަރަކު ބުނި ގޮތުގައި ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާރް ބެން ޣަފީރު މުޅި ދުނިޔެއިން އިޒްރޭލުގެ ފަސްފަހަތުން އަޅުވާލުމަށް ހިތްވަރުދޭން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރިއެވެ.
އަލްއަޤްސާގެ ހަރިއްމައަށް ބން ޣަފީރު ވަން މައްސަލަ، އދއާއި އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. އެމެރިކާއިން ބުނެފައި ވަނީ އެއީ ބަލައި ގަންނާނެ އަމަލެއް ނޫން ކަމަށެވެ.
ޔުނައިޓެޑް ތައުރާތު ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މޯޝޭ ގަފްނީ ޕާލަމެންޓުގައި ބެން ޣަފީރުގެ އަމަލުތައް ކުށްވެރިކުރަމުން ބުނެފައި ވަނީ އޭނާކޮށްފައިވާ ކަމަކީ ޔަހޫދީ ފާދިރީން ނުކުރާން މަނާ ކޮށްފައިވާ ކަމެއް ކަމަށެވެ.
ބެންޣަފީރު ދިޔަ އަލްއަޤްސާގެ ސަރަހައްދަކީ ޔަހޫދީން ގަބޫލުކުރާ ގޮތުން އެންމެ މާތް އަދި އެންމެ މުޤައްދަސް ތަނެވެ. އެތަނަކީ އާދައިގެ މީހުންނަށް ޔަހޫދީން ގާތު ވަނުން ހުއްދަ ތަނެއް ނޫނެވެ. ސުލައިމާނުގެފާހުގެ ފައްޅި ހުރީ އެތާގައި ކަމަށް އެމީހުން ގަބޫލު ކުރެއެވެ. އަދި އެ ތަނަކީ އެންމެނަށް މާނާކޮށްފައި އޮންނަ އުރުދުންއާއި ފަލަސްތީނުން ބަލަހައްޓާ ހިމާޔަތް ކޮށްފައިވާ ތަނެކެވެ.
ގަފްނީ ބުނީ މިކަމާ ބެހޭ ގޮތުން ބެން ޣަފީރަށް އޭނާ ނަސޭހަތް ދީފައިވާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ނަތަންޔާހޫ ގެ ސަރުކާރުގައި ޔުނައިޓެޑް ތައުރާތު ޕާޓީއާއި އެކު ސަރުކާރުގައި މެދުއިރުމަތީގެ ނަސްލުގެ ޔަހޫދީންގެ ތާއީދު އޮންނަ ސަލަފީ އޮތޮޑޮކްސް ޕާޓީއެއް ކަމަށްވާ ޝާސް ވެސް ބައިވެރިވެއެވެ.
އިސްރާއީލުގެ އަރަބި ޔަހޫދީންގެ ފާދިރީ ރާބާއި ޔިޓްޒާކް ޔޯސެފްގެ އޮފީހުން ބުނީ ބެން ޣަފީރްގެ އަމަލަށް އިހުތިޖާޖުކޮށް ދެން ދީނީ ހުކުމަކާ ޚިލާފް އެފަދަ އަމަލެއް ނުކުރުމަށް އޭނާއަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ. އަދި ބައިމަދު ދީނީ ފާދިރީންގެ ބަހަށް އަގްސާ ހަރިއްމައަށް ވަނުމަށް ބަޔަކު ހުއްދަ ދީފައިވީނަމަވެސް އިސްރާއީލުގެ ސަރުކާރުގެ ވަޒީރެއްގެ ހައިސިއްޔަތުން ޔަހޫދީންގެ އެންމެ މަތީ ފާދިރީ ރާބާއިގެ ފަތުވާއާ ހިލާފަށް އަމަލު ކޮށްގެން ނުވާނެ ކަމަށްވެސް ރޮއިޓާރޒްއަށް ކޮޕީ ލިބުނު އިހުތިޖާޖުގެ ސިޓީގައި އޮތެވެ.
ޣައްޒާ ކޮންޓްރޯލްކުރާ ފަލަސްތީނުގހަމާސް ޖަމާއަތުން ބުނެފައި ވަނީ އެފާޑަށް ކަންކުރާނަމަ ހުރިހާ ފަރާތްތަކެއް ވެސް ބޮޑު ހަމަނުޖެހުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.