ސަރުކާރުން ރ. އަލިފުށީގައި ތަރައްގީކުރަމުން ގެންދާ އެއަރޕޯޓު ޓާމިނަލްގެ ބިންގައު ރަސްމީކޮށް މިއަދު އަޅައިފިއެވެ.

އެރަށި ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތުގައި ޓާމިނަލްގެ ބިންގައު އަޅުއްވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހަސަނާއި އަލިފުށީ ކައުންސިލްގެ ރައީސެވެ.

އެރަށު އެއަރޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރެއްވީ 2021 ވަނަ އަހަރު ސެޕްޓެމްބަރގައެވެ. އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓު ނިންމަން ޕްލޭނިން މިނިސްޓްރީން ދެއްވަފައިވަނީ ދެ އަަހަަރެވެ. އެމްޓީސީސީން މަސައްކަތް ކުރަނީ މިއަހަރު ސެޕްޓެމްބަރަށް މަސައްކަތް ނިންމުމަށެވެ. މިމަޝްރޫޢުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މީގެތެރެއިން 40.5 ހެކްޓަރުގެ ބިމަކީ އެއަރޕޯޓު އެޅުމަށް ހިއްކި ބިމެވެ.