ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ މުހިންމު ބައެއް ސާމާނު މީރާގެ މުވައްޒަފުން ހަދިޔާކޮށްފިއެވެ. މިއީ، މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ހިންގަމުންދާ އިޖުތިމާޢީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ. މި ގޮތުން، މީރާގެ މުވައްޒަފުންވަނީ، 56،300 ރުފިޔާގެ ތަކެތި ފިޔަވައްޗަށް ހަދިޔާކޮށްފައެވެ.

4 ޖަނަވަރީ 2023ގެ ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުގައި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީޢުގެ އިތުރުން މީރާގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމްއާއި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީޢު ވަނީ މީރާގެ މުވައްޒަފުން މި ފަދަ ހަރަކާތްތަކަށްދޭ އަހައްމިއްޔަތުކަން ފާހަގަކޮށްފައެވެ. އަދި، މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް ވިދާޅުވިއެވެ. ޑެޕިއުޓީ ކޮމިޝަނަރގެ ވާހަކަފުޅުގައި ފިޔަވަތީގެ މުވައްޒަފުން ކުރައްވާ މުހިންމު އަދި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމްގެ ވާހަކަފުޅުގައި، މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ފިޔަވައްޗަށް ދެމުން ގެންދާ އެހީ ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ފިޔަވަތީގެ ކުދިންގެ ފަރާތުން މީރާއަށް ވަނީ އެ ކުދިން އަމިއްލައަށް ތައްޔާރުކޮށްފައިވާ ޚާއްސަ ހަދިޔާއެއް ހަވާލުކޮށްފައެވެ.

މީރާއަކީ ކޮންމެ އަހަރަކުވެސް މި ފަދަ އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ އިތުރުން، އެހެނިހެން ފަރާތްތަކުން ވެސް ރާވައި ހިންގާ މި ފަދަ ހަރަކާތްތަކުގައި ބައިވެރިވަމުން ގެންދާ މުއައްސަސާއެކެވެ.