މާގިނަ ދުވަސްތަކެއް ނުވެ ފެނިގެންދާނީ އުދުހޭ ކަނޑު ބޯޓުގެ ޓެކްނޮލޮޖީ އާންމު އެއްޗަކަށް ވެގެން ދާތަނެވެ. އުދުހޭ ޓެކްސީއަކީ މިހާރުވެސް ތަޖުރިބާގެ މަރުހަލާގައިވާ އުޅަނދެކެވެ.

އުދުހޭ ކަނޑު ބޯޓު ނުވަތަ ސްޕީޑް ބޯޓަކީ، އުތުރު އަޔަރލެންޑްގެ ބެލްފާސްޓްގެ ކުންފުންޏަކުން އީޖާދުކޮށްފައިވާ އުޅަނދެކެވެ. މި އުޅަނދުގެ ޓެކްނޮލިޖީ އީޖާދު ކުރުމުގައި އަންހެން ސައިންޓިސްޓެއް ބައިވެރިވިއެވެ.

ޕައިނިއަރ ނަމަކަށް ކިޔާފައިވާ ފެނުން މަތިން އުދުހޭ ސްޕީޑް ބޯޓަކީ ކަނޑު ގަދަ އިރުވެސް ރާޅުބާނިތައް މަތިން އުދުހުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި މިއީ 90 ޕަސެންޓަށް ހަކަތަ މަދުން ބޭނުން ކުރާ އެއްވެސް ވަރަކަށް ތިމާވެށި ކިލަނބު ކުރާ ސީއޯ2 ގޭސް ބޭރު ނުކުރާ ވައްތަރުގެ ޓެކްނޮލޮޖީއެއް ކަމަށް ސައިންޓިސްޓް ކެޓްރީނާ ތޮމްޕްސަން ވިދާޅުވެއެވެ.

އޭނާއަކީ މިޓެކްނޮލޮޖީ އީޖާދު ކުރި އާޓިމިސް ޓެކްނޮލޮޖީސްގެ ޕްރޮގްރާމް ޑިރެކްޓަރުވެސް މެއެވެ.

މި އުޅަނދުގެ ބަނޑުފިލާ ދަށުގައި ފިޔައެއް ފަދަ އެއްޗެއް ހަރު ކުރެވިފައި ވެއެވެ. އެއީ އުޅަނދު މައްޗަށް ހިއްލައި އުދުހުމަށް އެހީވެދޭ ބައެވެ.