މިސްކިތުގެ ތެރޭގައި މޮޑެލް ކޮށް އޮރިޔާން ދެއްކި ތުރުކީވިލާތުގެ މޮޑެލްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ތުރުކީގެ ބައިނަލްއަގްވާމީ ފެޝަން ޑިޒައިނަރު އާއިދާ ތަޝްޕީނާރު، މިސްކިތުގެ ތެރޭގައި އޮރިޔާން ދެއްކުމުން މީސްމީޑިއާގައި މީހުން ވަނީ އޭނާއަށް ފާޑު ކިޔުން އަމާޒުކޮށްފައެވެ. އިސްތަމްބޯލްގެ ޕްރޮސެކިއުޓާ ޖެނަރަލް އެމައްސަލަ ތަހުގީގު ކުރަން ނިންމީ އެހިސާބުންނެވެ. އަދި މޮޑެލް ވަނީ މީހުންގެ ރުޅިވެރިކަމާއި ނަފްރަތު އަމާޒު ވުމުން މިސްކިތުގައި އޮރިޔާން ދެއްކި ފޮޓޯތައް ޑިލީޓް ކޮށްފައެވެ.
މޮޑެލް އާއިދާ ތަޝްޕީނާރު އޮރިޔާން ދައްކާފައި ވަނީ ކަޅު ކުލައިގެ ކުރު ހެދުމެއް ލައިގެންނެވެ. މިސްކިތުގެ ތެރޭގައި އޭނާ ހުރީ ބޫޓަށްވެސް އަރައިގެންނެވެ.
އެނާގެ ގާތް ބަޔަކު ކިޔައިދިން ގޮތުގައި އޭނާ އޮރިޔާން ދެއްކީ ރަސްމީ މިސްކިތެއްގައެއް ނޫނެވެ. ނަމަވެސް އެއީ ފޯސީޒަން ހޮޓަލެއްގެ ނަމާދު ގެއެއްގެ ތެރޭގައެވެ.
މޮޑެލް އާއިދާ ތަޝްޕީނާރު ބުނީ އޭނާ އަމިއްލަ ސްޓައިލަކަށް އައު އަހަރު ފާހަގަ ކޮށްލީ ކަމަށެވެ. އެވާހަކަ ބުނުމުގެ އިތުރުން އޭނާ އަދިވެސް މައާފަކަށް އެދިފައެއް ނުވެއެވެ.
ތުރުކީ ސަރުކާރުން އޭނާގެ މައްސަލަ ތަހުގީގު ކުރަނީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމާއި ދީނަށް ފުރައްސާރަ ކޮށް މިސްކިތުގެ ޙުރުމަތް ކަނޑާލުމުގެ ކުށުގައެވެ.
މި މައްސަލާގައި ތަޝްޕީނާރު ސަލާމަތް ވުމުގެ ފުރުސަތު ބޮޑެވެ. އެއީ އޭނާ ނަމާދު ގެއެއްގައި އޮރިޔާން ދެއްކިކަމުގައި ވީނަމަވެސް އެތަނަކީ މިސްކިތެއްގެ ގޮތުގައި ތުރުކީގެ ދީނީ މުއައްސަސާތައް ބަލަހައްޓާ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައި ނުވާތީ ކަމަށް ބެލެވެއެވެ.