ރައްޔިތުންނަށް ދޭންއުޅޭ ކޮވިޑް ވެކްސިންއަކީ ރައްކާތެރި ވެކްސިނެއް ކަމުގެ ޔަގީންކަން އެމެރިކާ ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ފަށައިފިއެވެ.
އެމެރިކާގެ ފުޑް އެންޑް އެޑްމިނިސްޓްރޭޝަންގެ ކޮމިޝަނަރ ސްޓެފަން ހާން ވިދާޅުވީ، އަވަސް އަރުވާލައިގެން ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިން ނަމަވެސް، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެއްވެސް ކަމެއް ދޫކޮށްލާފައި ނުވާނެ ކަމަށެވެ.
ފުޑް އެންޑް އެޑްމިނިސްޓްރޭޝަނުން އިއްޔެވަނީ، ފައިޒަރއާއި ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިން އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.
އެކަމަކު، އެމެރިކާގެ ފުޑް އެންޑް އެޑްމިނިސްޓްރޭޝަނުން މިކަން ކޮށްފައިވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕް އެ އިދާރާއަށް ބިރުދައްކައިގެން ކަމުގެ ރިޕޯޓްތަކެއް އާންމުވުމާ ގުޅިގެން އެތައްބަޔަކު ގެންދަނީ އެކަމާމެދު ސުވާލު އުފައްދަމުންނެވެ.
ކުރިން ހަމަޖެހިފައިއޮތީ، ފައިޒަރގެ ވެކްސިން އިމަޖެންސީ ބޭނުންތަކުގައި އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ނިންމަން، ފުޑް އެންޑް އެޑްމިނިސްޓްރޭޝަން މިމަހުގެ ފަހުކޮޅު ބައްދަލުކުރާ ގޮތަށެވެ.
ފުޑް އެންޑް އެޑްމިނިސްޓްރޭޝަންގެ ކޮމިޝަނަރ ސްޓެފަން ހާން ވިދާޅުވީ، ވެކްސިން ބޭނުން ކުރަން އަވަސް މަގަކުން ހުއްދަދިނީ ބަލީގެ މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. އަދި އެކަންކުރީ، ބޭރުގެ އެއްވެސް ފަރާތެއްގެ ފިއްތުންތައް ކުރިމަތިވެގެން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައިޒަރގެ ވެކްސިން އުމުރުން 16 އަހަރުން ދަށުގެ މީހުންނަށް ދިނުމަށް ފުޑް އެންޑް އެޑްމިނިސްޓްރޭޝަނުން ދިން ހުއްދައިގައި ވެއެވެ.
20 މިލިއަން މީހުންނަށް ފުރަތަމަ ބުރުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވާއިރު، މިބުރުގައި ވެކްސިން ދޭނީ ބަލީގެ ހާލަތު ގޯސް މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އަނެއްކޮޅުން، މި ވެކްސިން ޕައިލެޓުންނާއި، އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަށް ދިނުމުގެ ހުއްދަ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުންވެސް މިހާރުވަނީ ދީފައެވެ.