މާލޭ ސިޓީ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ވަރަށް ފައިސާ ނެތިގެން "ޗާލު މިސްކިތް" ގެ ނަމުގައި ފައިސާ ހޯދަން މާލޭސިޓީ ކައުންސިލުން ހިންގި ހަރަކާތަށް އެމްއެންޕީގޭ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ފާޑު ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ މުސްލިމް ދައުލަތެއްގައި ނެތުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ދައުލަތަށް ލިބޭ ފައިސާ އިސްރާފު ނުކޮށް ބޭނުންތެރި ކަންކަމަށް ޚަރަދު ކުރުމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. "މުސްލިމު ދައުލަތެއްގައި، މިސްކިތްތައް މަރާމާތު ކުރަން ފައިސާ ނެތުމަކީ ބޮޑުވެގެންވާ ލަދެއްް. ފައިސާ އިސްރާފުނުކޮށް ބޭނުންތެރި ކަންކަމަށް ފައިސާ ޚަރަދު ކުރަން ޖެހޭ. ސިޓީ ކައުންސިލުން މިސްކިތްތައް ބަލަހައްޓަން ކަމަށް ބުނެ ފައިސާ ހޯދުން ބަލައިނުގަންނަން،" ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މި ހަރަކާތް މާލޭ ސިޓީކައުންސިލުން ކުރިއަށް ގެންދިޔައީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށެވެ. ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުން 744713.90 ރުފިޔާ ލިބިފައިވާކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.