ނުވަ ވަނަބައި

ޔޫޝައުއަށް ހޭލެވުނުއިރު އޮތީ ދާހިއްލާ ފޯވެފައެވެ. އެފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔެވެ؟ އެހުވަފެނާއި އޭނާގެ ހިތުގައިވާ އެއްޗަކާއި ދިމަލެއްނުވެއެވެ. ނަމަވެސް އެފެނުނު ހުވަފެނަކުން އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ. އަނެއްކާ އެހުވަފެނާއި އޭނާގެ މުސްތަޤުބަލާއި ގުޅުމެއް ވަނީ ހެއްޔެވެ؟

އެ ފެނުނު ހުވަފެނަކުން އޭނާގެ ނިދިވެސް މުޅިން ފިލައިފިއެވެ. އޭނާ ގަޑި ބަލާލިއިރު އަދި މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. ފަތިސް ނަމާދު ވަގުތަށްވެސް އަދި ދޮޅު ގަޑިއިރު އެބައޮތެވެ. އެހެންކަމުން އޭނާ ތެދުވެ ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ ދަބަސް ތައްޔާރުކޮށްލިއެވެ. އޭނާ ފޫހިކަމުގައި ވަގުތުތައް ގުނަމުން ދަނިކޮށް ފަތިސް ނަމާދު ބަންޤި ގޮވައިފިއެވެ. އެއާއެކު އޭނާ ކޮޓަރި ތަޅުލާފައި މިސްކިތަށް ދާން ނުކުތެވެ. ކުޑައިރުއްސުރެ ފެށިގެންވެސް އޭނާ ވަނީ ނަމާދު ޖަމާއަތުގައި ކުރަން އާދަވެފައެވެ. އެއީ އޭނާގެ މަންމައާއި ބައްޕަގެ ތަރުބިއްޔަތެވެ.

ފަތިސް ނަމާދުކޮށްގެން ފޭބި ލިހާމްއަށް ޔޫޝައު އައިކާމެން ގެއާ ދިމާއަށް ދާތީ ފެނުނެވެ. އެހެންކަމުން ޔޫޝައުއާ ދިމާކޮށްލަން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާ ޔޫޝައުއަށް ގޮވާ ހުއްޓުވިއެވެ.

"ތިދަނީ ފުރުމުގެ ކުރިން ފަހު ފަހަރަށް މޫނު ދެކިލަން ދޯ؟" ޔޫޝައުއާ އަރާ ހަމަކުރަމުން ލިހާމް ބުނެލިއެވެ.

"ރަނގަޅަށް ތިބުނީ.. ހަމަ އެހެންވެ މިދަނީ.. ދެން ލިހޭ ހުރޭ ދިމާކުރަން.." ޔޫޝައު އެހެން ބުނެލުމުން ލިހާމް ގާތަށް ހިނިއަންނަ ގޮތްވިއެވެ.

"އަދިވެސް ހަމަ ބަނަކޮށް ދޯ މި އޮންނަނީ.. ހިތަށްއަރާ ދޯ އަދިވެސް ދަތުރު ލަސްވާނެނަމައޭ.." ލިހާމް އަދިވެސް ނުސީދާކޮށް ޔޫޝައުއާ ދިމާކުރަމުން ދިޔައެވެ.

"އުހުނ.. އެހާ ބޮޑަކަށް ހިތަކަށް ނާރާ.. މިހާރު ލަމްއާ ދުރުގަ އުޅޭތާވެސް ތިން ހަތަރު މަސް މިވަނީ.. އެހެންވީމަ ދާންވެސް އެބަޖެހޭ.. އަބދު ކިހިނެއް މިހެން ދުރުގަ އުޅޭނީ.. އަހަރެންވެސް މީ ފިރިހެނެކޭ.." ޔޫޝައު އެހެން ބުނެލުމުން ލިހާމް ހީލިއެވެ.

"ހޫމް ހޫމް.. އައިކާ ގާތު ބުންޏަސް ތިކަން ކޮށްދީފާނެ ކަންނޭނގެ.."

"ސާބަސް.. ތިކަހަލަ ވާހަކަ ނުދައްކާ.. އަހަރެން އޭނަޔާ ރައްޓެހިވެގެން މިއުޅެނީ ތިކަން ކުރާކަށް ނޫން.. ހަމަ ހަޤީޤަތުގަވެސް އޭނައާ އިންނަންވެގެން.." ލިހާމް އެހެން ބުނުމުން ކުޑަކޮށް ރުޅިއައި ނަމަވެސް ޔޫޝައު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"ހޫމް.. ދެން ދޭ.. ދުވަހަކުވެސް ދައްކާނެ ވާހަކަ ހުހެއްނުވާނެ.. ތިހެން ވާހަކައިގަ ހުއްޓާ އިރުއަރައިފިއްޔާ ބުނާނެ އަހަރެންނާހެދި ޔޫޝައުއަށް އައިކާ ގާތަށް ނުދެވުނީއޭ.." ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ލިހާމް ބުނެލިއެވެ. އަދި އޭނާގެ ގެ ހުންނަ ކޮޅަށް ދާން ހިނގައިގަތެވެ. ޔޫޝައުވެސް އައިކާމެން ގެއަށް ދާން ހިނގައިގަތެވެ. ޔޫޝައު ގޮސް އައިކާއަށް ގުޅާލުމުން އައިކާ ބޭރަށް ނުކުތެވެ.

"ކިހާއިރަކު ދޯނި ފުރަނީ؟" އައިކާ އަހާލިއެވެ.

"ހަތެއް ޖަހާއިރަށް ދާން ބުނީ.. ކޮބާ މަންމަމެން؟" އުނދޯލީގައި އިށީންނަމުން ޔޫޝައު އަހާލިއެވެ.

"ކޮޓަރީގަ ވީ.." އައިކާ ބުނެލިއެވެ.

"އަދި ނުހޭލަނީތަ؟" ހައިރާންވެފައި ޔޫޝައުއަށް އަހާލެވުނެވެ.

"ނޫނޭ.. ބައްޕަ ހުން އައިސްގެން އުޅޭތީ.." އައިކާ އެހެން ބުނެލުމުން މިސްކިތުން ނާޒިމް ނުފެނުނީ މިހެންވެތާއޭ ޔޫޝައުގެ ހިތަށްއެރިއެވެ.

"އެހެންތަ؟ ކޮންއިރަކު ހުންއައީ؟"

"ފަތިހު ހޭލިއިރު ހުންއައިސްފަ އޮތް ވާހަކަ މަންމަ ބުނީ.." އައިކާ އޮޅުންފިލުވައިދިނެވެ.

"ބޭބީ ރަނގަޅުތަ؟" އައިކާގެ ނިތުގައި އަތް ޖައްސާލަމުން ޔޫޝައު އަހާލިއެވެ.

"ހޫމް.. އަހަރެން ހަމަ ރަނގަޅޭ.." އެގޮތުގައި ދެމީހުން އިރުގަނޑަކު ވާހަކަދައްކަން ތިއްބެވެ. އެގޮތުގައި ތިބެފައި ހަގަޑި ބައިވުމުން ޔޫޝައު ދާން އުޅުނެވެ. އެއާއެކު އައިކާ ޔޫޝައުގެ އަތުގައި ހިފެހެއްޓިއެވެ.

"ދެން ކޮންއިރަކުން އަހަރެން ކައިރިއަށް އަންނާނީ؟ ވަރަށް މިސްވާނެ.." އައިކާ ސީދާ ޔޫޝައުގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ޔޫޝައުއަށް އައިކާގެ ލޮލުން ފެނުނު އަސަރަކުން ހިތް ހަލަބޮލިވިއެވެ. ހިތް ބިރުގަތީ އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓިދާނެތީއެވެ. ނަމަވެސް އޭނާއަށް އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އައިކާ ކުއްލި ހަރަކާތަކާއެކު ޔޫޝައުގެ ގައިގައި ބައްދައިގަތެވެ. ޔޫޝައު ޖެހިލުންވެފައި އިނދެވެސް އައިކާގެ ހަށިގަނޑު ވަށާލިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން.. ދެރަނުވެބަލަ.. ބޭބީ އަހަރެންނަށް އިންތިޒާރުކުރައްޗޭ.." އައިކާގެ ކޮނޑުގައި ހިފާ އޭނާއާ ދުރުކޮށްލަމުން ޔޫޝައު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

"ހޫމް.. އަހަރެން ޔޫޝްއަށް މުޅި އުމުރުވެސް އިންތިޒާރު ކޮށްފާނަން.. އެކަމް އަހަރެންނަށް ކެއްސެއް ނުދެއްޗޭ.." އައިކާ އަސަރާއެކު އެހެން ބުނެލުމުން ޔޫޝައު އައިކާގެ މޫނުގައި ހިފަހައްޓާލިއެވެ.

"އަހަރެންނަށް އިތުބާރުކުރޭ.. ދުވަހަކުވެސް ބޭބީއަކަށް ކެއްސެއް ނުދޭނަން.." ޔޫޝައު އެހެން ބުނެލަމުން އައިކާއާ ގާތްވެލިއެވެ. ޔޫޝައު އެހާ ގާތްވުމުން އައިކާގެ ހިތް އަވަސްވިއެވެ. ޔޫޝައު ވަރަށް ލޯބިން އައިކާގެ މޫނުގައި ފިރުމާލިއެވެ. ޔޫޝައުގެ ހޫނު ނޭވާތައް އައިކާގެ މޫނަށް އެޅެން ފެށުމުން ބޭއިޚްތިޔާރުގައި އައިކާއަށް ދެލޯ މަރާލެވުނެވެ. އެއާއެކު ޔޫޝައު މަޑުމަޑުން އައިކާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. އައިކާއަށް ކުރެވުނުހާވެސް ކަމަކީ ޔޫޝައުގެ އެ ހަރަކާތުގައި ފުރިހަމައަށް ބައިވެރިވުމެވެ. ހިނދުކޮޅަކަށް ދެމިގެން ދިޔަ އެވަގުތުކޮޅަށް ނިމުން އައީ ޔޫޝައުގެ ފޯނު ރިންގުވުމުންނެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ޔޫޝައު ފޯނު ނަގާ ސްކްރީނަށް ބަލާލިއިރު ގުޅަނީ ލިހާމްއެވެ. އޭނާ ފޯނު ނެގުމާއެކު ލިހާމް އެދުނީ އަވަސްކުރުމަށެވެ. ފޯނު ބާއްވާފައި ޔޫޝައު އައިކާއަށް ބަލާލިއިރު އައިކާގެ މޫނަށް ވަނީ ޖަންބުކުލަ އަރާފައެވެ. އެތުނި ތުންފަތުގެ ރަތްކަންވެސް އިހުނަށްވުރެ އިތުރުވެފައިވާތީ ޔޫޝައުގެ ހިތް އެދުނީ އަދިވެސް އެތުންފަތުގައި ލޯބިކޮށްލާށެވެ. އެހެންކަމުން އޭނާ ދެވަނަ ފަހަރަށްވެސް އައިކާގެ ތުންފަތުގައި ލޯބިކޮށްލިއެވެ. އެވަގުތު ގޭ ދޮރު ހުޅުވާލި އަޑަށް ސިހިފައި ދެމީހުންނަށް ދުރަށް ޖެހެވުނެވެ. ނަސީބަކުން އެއީ އައުފްއެވެ. އައުފްއަށް އެއިން އެއްވެސް މަންޒަރެއް ނުފެންނަކަން އެނގުމުން ހިތްހަމަޖައްސާލަމުން ޔޫޝައު އައިކާއަށް ބަލާލިއެވެ.

"ބޭބީ! ވަރަށް ލަސްވެއްޖެ.. ލިހާމް އެބަ ގުޅާ ލަސްވެގެން.. ދަނީ އިނގޭ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބޭބީ ގާތަށް އަންނާނަން.. އައުފް! ޔޫޝް ބޭބެ މިދަނީ މާލެ ދާން.. އަންނާނަން އިނގޭ ވަރަށް އަވަހަށް.." އައުފްގެ ބޮލުގައި ފިރުމާލަމުން ޔޫޝައު އެހެން ބުނެފައި ފަހަތަށް ފަހަތަށް ހިނގައިގަތެވެ. އައިކާގެ އަތާއި އޭނާގެ އަތް ވަކިވި ވަގުތު އައިކާގެ ލޮލުން ކަރުނަ ހިލުނުތަން ފެނުމުން އޭނާ ދެރަވިއެވެ. ނަމަވެސް އިތުރަށް މަޑުކުރެވެން ނެތީތީ އޭނާ އަވަސްއަވަހަށް އެގެއިން ނުކުތެވެ.

"ދޮންތަ ރޮނީތަ؟ ބޭބެ އަންނާނެއެއްނު އަދި.." އައިކާގެ ލޮލުން ކަރުނަ އައިތަން ފެނުމުން އައުފް ބުނެލިއެވެ.

"ދޮންތަ ނުރޮމޭ.. ހިނގާ ސައިބޯން.. އިޝީ ނުކުމެއްޖެތަ މިހާރު؟" އައިކާ އަވަހަށް ވާހަކަ އޮޅުވާލަމުން އަހާލިއެވެ.

"އިޝީ އަދި ނުނިކުމޭ އައުފް ނުކުތްއިރު.. ދޮންތަ ކޮޓަރީގަ ނެތީމަ ބަދިގެއަށް ގޮސްފަ ބަދިގޭގަވެސް ނެތީމަ މި ނުކުތީ ބޭރަށް.. ދޮންތަ ކުނިކަހަން އުޅޭތޯ ބަލާލަން.." އައުފް އޮޅުންފިލުވައިދިނެވެ.

"އެހެންތަ؟ ހިނގާ ދޯ ދެން އަވަހަށް ސައިބޯން.. އައުފް ގޮސް އިޝީއަށް ގޮވާ.. ދޮންތަ މި ބުއްތަށި ގިރަނީ.." އައުފް ގޮވައިގެން އެތެރެއަށް ވަންނަމުން އައިކާ ބުނެލިއެވެ.

**********

ޔޫޝައު އަވަސް ފިޔަވަޅުތަކެއްގައި އޭނާ އުޅޭ ގެއަށް ދިޔައިރު ލިހާމް ސައިކަލެއްގައި އިނީ އެގޭ ދޮރުމަތީ އޭނާގެ އިންތިޒާރުގައެވެ. ލިހާމް ސައިކަލެއްގައި އިނުމުން ޔޫޝައު ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. އޭނާގެ ހަނދާނަށް އައީ ލިހާމް ތަންކޮޅެއް ކުރިން އޭނާއާ ދިމާއަށް ބުނެފައިވާ ޖުމްލައެކެވެ. "އަހަރެންގެ ދެފައި ހުންނަނީ ކަމަކު.. މިދެފައިން ތަންތަނަށް ހިނގާފަ ދެވޭވަރު ނުވާ ދުވަހަކުން އަހަރެން ސައިކަލަށް އަރާނީ.."

"ހާދަ ލަހޭ.. މިހާރު އެހެރަ ހަތެއް ޖަހަން ފަސްމިނެޓަށް ވީ.. އަހަރެން ނުގުޅިނަމަ ހަމަ ޔަޤީނުންވެސް މިއަދު ޔޫޝައުއަކަށް މާލެ ނުދެވޭނެ.. ޔަޤީނޭ ކަމެއް ކުރީކަން.. ތިހިރީނު މުޅި އަނގަމަތި ރަތްވެފަ.." ލިހާމް އެހެން ބުނެލުމުން ޔޫޝައު ވަރަށް ރަކިވިއެވެ. ހަމަ ރަނގަޅަށްވެސް ލިހާމް ކުރިމަތީގައި ބޭޒާރުވެއްޖެކަން އެނގުމުން އޭނާ ލިހާމްއަށް ލޯއަޅާލިއެވެ.

"ބޭކާރު ވާހަކަ ނުދައްކަބަލަ.. މީ މަގުމައްޗޭ.."

"އާދެވުނުލެއް އަވަސްކަމުން އަދިވެސް ހުންނަނީތަ؟ އަވަސްކޮށްބަލަ.. ދޯނި ނައްޓާލަފާނެޔޭ.." ލިހާމް ތަންކޮޅެއް ބާރަށް ބުނުމުން ޔޫޝައު އަވަސްއަވަހަށް ވަދެ ދަބަސް ހިފައިގެން ނުކުމެ ލިހާމްއާ ތަޅުދަނޑި ހަވާލުކޮށްފައި ސައިކަލު ފަހަތަށް އެރިއެވެ.

"އޭތް.. ތިހާ ބާރަށް ނުދުއްވަބަލަ.. ދޯންޏަށްވެސް އެރޭނީ ސަލާމަތުން އެހިސާބަށް ދެވިގެނެއްނު.." ލިހާމް ސައިކަލު ދުއްވާލެއް ބާރުކަމުން ޔޫޝައު ބުނެލިއެވެ. އޭނާ މާލޭގައި ސައިކަލު ދުއްވިނަމަވެސް އޭނާއަކީ އެއްއިރަކުވެސް ބާރަށް ސައިކަލު ދުއްވާ މީހަކަށް ނުވާތީ އޭނާ އިނީ އެހާ ބާރަށް ދުއްވާތީ ބިރުންނެވެ. އިރުކޮޅެއް ވީއިރު އެމީހުން ތިބީ ބަނދަރުގައެވެ.

"ދެންވެސް މަޑުކުރަން ނުހަދާ ގޮސް އަވަހަށް ދޯންޏަށް އަރާ.. ކައްޕި މިހާރުވެސް ލަސްވެފަ އެހުރީ.. އަހަރެން އެއޮތީ ޕޭކޮށްފަ.. އަވަސް އަވަސް.." އޭރު ދޯނީގެ ކެޕްޓަން ލިހާމްއަށް އަވަސްކުރުމަށް އެދި ހަނާއަޅާތީ ލިހާމް ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ލިހާމް އަވަސްއަވަހަށް ބުނެލިއެވެ. ލިހާމް ދޯންޏަށް އެރުމާއެކު ދޯނި ނައްޓާލައިފިއެވެ. ދޯނި ނައްޓާލުމުން ލިހާމްވެސް ސައިކަލުގައި ގޮސް ސައިކަލު އޭގެ ވެރިމީހާއާ ހަވާލުކޮށްފައި ގެއަށް ދިޔައެވެ.

**********

"ދަރިފުޅާ! މިހާރު މާޒް ހާދަ ބަދަލުވެއްޖޭ ދޯ؟ ކިހިނެއްތަ އެވަނީ؟ ދަރިފުޅާ ދެމީހުން މައްސަލައެއް ޖެހިގެންތަ ތިއުޅެނީ؟" ނާޒިމްއަށް މާޒް އެގެއަށް އެއްވެސް ވަރަކަށް އައިސް އުޅޭތަން ނުފެންނާތީ އަހާލިއެވެ.

"ނޫން.. މާޒް މާ ބިޒީކޮށް އުޅޭ ދުވަސްކޮޅެއްވީމަ ކަންނޭނގެ ނާދެވެނީ.." އައިކާ ހަޤީޤީ ސަބަބު އޮޅުވާލަމުން ބުނެލިއެވެ.

"އެހެންތަ؟ އެކަމް މާޒް މިހާރު ވަރަށް މަދުން ފިހާރައިގަވެސް އިންނަނީ.. ދަރިފުޅު ދިޔަތަނެއް ނޭނގިގެން އުޅުނު ރޭ ގުޅީމަވެސް ވަރަށް ތަފާތު ވާހަކަދެއްކި ގޮތް.. ބުނީ އޭނައަކަށް ނޭނގެޔޭ ދަރިފުޅު ވީތަނެއް.. ޔޫޝައުއަށް ގުޅާބަލާށޭ ދަރިފުޅު ވީތަނެއް ބަލަން.. ހީވަނީ ކަމަކާ ހިތްހަމަނުޖެހިފަ ހުރިހެން އެރޭވެސް.." ނާޒިމް އޭނާއަށް މާޒްގެ ފަރާތުން ފާހަގަކުރެވުނު ކަންތައްތަކެއް ކިޔައިދިނެވެ. ބައްޕަގެ ވާހަކަތައް އަޑުއިވުމުން އައިކާއަށް ބޭއިޚްތިޔާރުގައި މާޒްދެކެ ރުޅިއާދެވުނެވެ. މާޒް ކަންތައް އެކުރީ ރަނގަޅަކަށް ނޫނެވެ. މާޒްއަށް އޭނާ ވީތަން ނޭނގެންޏާ ނޭނގޭ ވާހަކަ އެކަނި ބުނުމުން ނިމުނީ ނޫން ހެއްޔެވެ؟ ކޮންމެހެން ޔޫޝައުގެ ވާހަކަ ބުނަން ޖެހޭ ހެއްޔެވެ؟

"އެ ވެދާނެ ބައްޕައަށް ގުޅުނު ގަޑީގަ އޭނަ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފަ ހުރީ ކަމަށް.." އައިކާ ހަމަޖެހިލަމުން ބުނެލިއެވެ. ނާޒިމްވެސް ތިހެން ވެދާނެޔޭ ބުނެ ބޯޖަހާލިއެވެ. އައިކާވެސް މިދަނީ ފެންވަރާށޭ ކިޔާފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ.

"ނާޒިމް! އަހަރެން ވާހަކައެއް ބުނަންތަ؟ މީ އަހަރެން ވަރަށް ދުވަހު ވަރަށް ރަނގަޅަށް ބަލާފަ ބުނާ އެއްޗެއް.. މާޒްއަށް އެ ބަދަލުތައް އައުމުގެ އަސްލަކީ އައިކާ.. މާޒް އައިކާދެކެ ލޯބިވޭ.. ކިތަންމެ ސިއްރުން އުޅުނަސް އޭނަގެ އުޅުން ހުންނަގޮތުން އަހަރެންނަށް އެކަން ވަރަށް ރަނގަޅަށް ފާހަގަކުރެވޭ.. އޭނަ އައިކާއަށް ބަލާލާގޮތްވެސް އެހެން މީހުންނަށް ބަލާ ގޮތާ ތަފާތު.. ދެން މިހެން ކިޔާނެކަމެއް ނެތް.. ހުރިހާ ގޮތަކުންވެސް އޭނަ އައިކާއާ ދޭތެރޭ ކަންތައް ކުރާގޮތް ޚާއްސަ.. އެހެންވެ އައިކާ ޔޫޝައުއާ ގުޅުނީމަ ކަންނޭނގެ އޭނަ އެ ދުރުވީ.." ސަނާގެ ވާހަކަތަކާއިމެދު ވިސްނާލުމުން ނާޒިމްއަށްވެސް އެކަމާ އެއްބަސްވެވުނެވެ.

"ތަންކޮޅެއް ކުރިން ތިކަން ވިސްނުނުނަމަ.. ހަޤީޤަތުގަ އަހަރެން އެހާ ހިތްހަމައެއް ނުޖެހޭ ޔޫޝައުއާއެކު އައިކާ ފޮނުވާކަށް.. މާޒްއަށް ކުރާ އިތުބާރު ޔޫޝައުއަކަށް ނުކުރެވޭ.. އެކަމް އައިކާއަށް އެއްވެސް ކަމަކަށް މަޖުބޫރުކުރަން ބޭނުންނުވާތީ އަހަރެން އެއްބަސްވީ.. ދެން އަހަރެން ރައްޓެއްސަކާ ގުޅައިގެން އޭނަގެ ކަންތައްތައް ހުރިގޮތް ބަލާލިން.. އޭނަ ވަރަށް ރަނގަޅުކަމަށް އެމީހާ ބުނީ.. އަދި ބުނި ޔޫޝައުގެ އާއިލާއަކީވެސް ވަރަށް ރަނގަޅު އާއިލާއެއްކަމަށް.. އެހެންވެ އެއްބަސްވީވެސް.." ނާޒިމްގެ ވާހަކައިން ސަނާއަށް ހައިރާންކަމެއް ލިބުނެވެ. ޔޫޝައު އެމީހުންނާ ބައްދަލުކުރަން އައީ އައިކާ އެމީހުން ގާތު ޔޫޝައުގެ ވާހަކަ ދެއްކި ދުވަހުއެވެ. ވީއިރު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނާޒިމް ޔޫޝައުގެ މަޢުލޫމާތު ހޯދި ގޮތަކާއިމެދު ސުވާލު އުފެދުނެވެ.

"ކިހިނެއް ނާޒިމް އެހާ ކުޑަ ވަގުތުކޮޅެއްގަ ޔޫޝައުގެ މަޢުލޫމާތު ހޯދީ؟ އައިކާ އަހަރެމެން ގާތު ޔޫޝައުގެ ވާހަކަ ދެއްކި ދުވަހުއެއްނު ޔޫޝައު އަހަރެމެންނާ ބައްދަލުކުރަން އައީ.." ސަނާ ސުވާލުކުރިއެވެ.

"އަސްލު ވީގޮތަކީ އޭނަ މިރަށަށް އައީ ޗުއްޓީއެއްގަ ކަމަށް އަހަރެންނަށް އެނގިފަ އޮތީ.. އެކަމް އޭނަ މިރަށުގަ ދެމަސް ތިންމަސް ވީމަ އަހަރެންނަށް ޝައްކުވީ.. އަހަރެން ހީކުރީ އޭނަ ކޮންމެވެސް މައްސަލައެއްގަ އަރުވާލާފަ ހުރީކަމަށް.. އެހެންވެ އަހަރެން މާލޭގަ ހުންނަ ރައްޓެއްސަކަށް ގުޅައިގެން އޭނަގެ މަޢުލޫމާތު ހޯދީ.. އޭރު އަދި އައިކާ އަހަރެމެން ގާތު ޔޫޝައުގެ ވާހަކައެއް ނުދައްކާ.. އައިކާ ބުނުމުގެ ކުރިންވެސް އަހަރެންނަށް އެނގޭ ޔޫޝައު މީހަކާ އިނދެގެން އުޅޭކަން.." ނާޒިމްގެ ވާހަކަތައް ސަނާ ކަނުލާ އަޑުއެހިއެވެ.

"ބުނެވެސް ނުލާ ހާދަ ކަމެއް ކޮށްފީމޭ ދޯ.. އެހެންވީމަ އަހަރެންނަށް ސިއްރުން ވަރަށް ކަންކަން ކޮށްފަ ހުންނާނެތާ.."

"އާނ.. ވަރަށް ގިނަ ކަންކަން ކޮށްފަ ހުންނާނެ.. ސިއްރު ކަންކަން.." ނާޒިމް ފާޑަކަށް ހީނފައި އިނދެ އެހެން ބުނެލުމުން ސަނާ ނާޒިމްގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.

"ހާދަ މަކަރުވެރި ފިރިހެނެކޭ ތީ.."

"އެއީ ސަނާއަ އިނުމުގެ ކުރިން ކުރި ކަންކަމޭ.. ހެހެހެ.." ނާޒިމް އެހެން ބުނެލުމުން ސަނާވެސް ހީލަމުން ހާދަ ލާނެތް ފިރިހެނެކޭ ބުނެލިއެވެ.

"މިހާ ލޯބި އަނތްބަކު ހުއްޓާ އެހެން އަންހެނަކު ގާތަށް ދާންވީ ކީއްކުރަންތަ؟" ލާނެތް ފާޑަކަށް ހީލަމުން ނާޒިމް ބުނެލުމުން ސަނާ ނާޒިމްގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. ނާޒިމް އަބަދުވެސް ސަނާއާ އެކަހަލަ ކުދިކުދި ސަމާސާކުރެއެވެ. އެދެމީހުންގެ ލޯތްބަށް ބަދަލެއް ނައިސް ކައިވެނި އެގޮތުގައި ދެމިހުރުމުގެ އެއް ސަބަބަށް އެފަދަ ސަމާސާތައްވެއެވެ.

**********

ބެލް އަޅާ އަޑަށް ކޮޓަރީގައި އުޅުނު ލަމްހާ އައިސް ދޮރު ހުޅުވާލިއެވެ. ނަމަވެސް ދޮރުމަތީގައި އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ދޮރު ލައްޕާފައި ދާން ހިނގައިގަތްތަނާ އަނެއްކާވެސް ބެލް އަޅާލިއެވެ. މިފަހަރުވެސް ދޮރު ހުޅުވާލިއިރު އެއްވެސް މީހަކު ނެތެވެ. ނަމަވެސް ދޮރު ކައިރީގައި ޕާރުސަލެއް އޮތެވެ. އޭގެ މަތީގައި ރަތް ފިނިފެންމާ ބޮނޑިއެއް އޮތުމުން ހައިރާންވެފައި ދެކޮޅު ހޯދާލެވުނެވެ. އެ ނަގަން ހިތަށް އަރާފައިވެސް ކޮންމެ ފަދަ އެއްޗެއްވެސް އޮވެދާނެތީ ނުނަގައި އެތެރެއަށް ވަދެ ދޮރުލެއްޕިއެވެ. ވިސްނުމެއްގައި ހުރެ ގޮސް ބަދިގެއަށް ވަތްތަނާ އަނެއްކާވެސް ބެލް އެޅިއެވެ.

"މިދެން ކިހާ ބޮޑު ކަމެއްތަ؟ ކޮން ޖެއްސުމެއް ކުރާކަށް.. އެ ޔޫޝައުވެސް ހުރީކީ ނޫން ރަށުގަ.." ލަމްހާ ރުޅިއައިސްގެން އެތިވަރު ގޮވައިގަތެވެ. ބޭރުގައި ހުރި ޔޫޝައުއަށް ލަމްހާގެ އަޑު އިވުމުން ހެވުނެވެ. ނަމަވެސް އޭނާ އަޑެއްވެސް އިއްވާނުލާ ތަކުރާރުކޮށް ބެލް އަޅަމުން ދިޔައެވެ. ލަމްހާ އެންމެފަހުން ބޮލަށް އުނދަގޫވެގެން ދޮރު ހުޅުވަން ދިޔައީ އެންމެފަހު ފަހަރު ކަމަށް ނިންމައިގެންނެވެ.

"މިދެން ކިހާބޮޑު ކަމެއް؟" ލަމްހާ ދޮރު ހުޅުވާލިގޮތަށް ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ. އެވަގުތު ކުރިމަތީގައި ހެވި ދިއްލިފައި ހުރި ޔޫޝައު ފެނުމުން އޭނާއަށް އުފަލުން ހަޅޭއްލަވައިގަނެވުނެވެ.

"ހާދަ ރުޅިއައިސްފަ.. ކޮބައިތަ ބޮޑު ކަމަކީ؟ އަނެއްކާ އަހަރެންތަ؟" ހަމަޖެހޭގޮތް ދައްކަމުން ޔޫޝައު އަހާލިއެވެ.

"ނޫން.. މި މީހަކު ޖެއްސުންކުރަނީ.. މިހާރު ހައެއްކަ ފަހަރު ބެލް އަޅައިފި.. ދޮރު ހުޅުވާލާއިރަކު މީހަކު ނުހުރޭ.. ދެން ރުޅިއެއް ނާދެވޭނެތަ؟" ލަމްހާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"އެހެންވީމަ އަހަރެންދެކެ ހާދަ ރުޅިއެއް އާދެޔޭ ދޯ.." ޔޫޝައު އެހެން ބުނެލުމުން ލަމްހާ ދެލޯ ބޮޑުކޮށްލަމުން ޔޫޝައުއަށް ބަލާލިއެވެ.

"ޔޫ؟ ހާދަ ގޯހޭ.." ލަމްހާ އެހެން ބުނަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

"ސަޕްރައިޒެއް ދިނީމަ އުފަލެއްވެސް ނުވޭތަ؟" ލަމްހާގެ ފުރަގަހުން ބައްދާލަމުން ޔޫޝައު އަހާލިއެވެ.

"ނުވޭ އުފަލެއް.. ވަރަށް ފޫހިވޭ.." ޔޫޝައުގެ އަތް ނައްޓުވާލަމުން ލަމްހާ ބުނެލިއެވެ.

"އޭތް.. ރުޅިއައީތަ؟" ޔޫޝައު އެހެން އަހާލުމުން ލަމްހާ ހޫމްއެކޭ ބުނެލިއެވެ.

"އަޅެ ދައްކަބަލަ.. ތި ރުޅި މަޑުކޮށްލަފާނަން.."

"އޭތް.. މަންމައަށް ފެނިދާނެ.." ޔޫޝައު ލަމްހާގެ މޫނާ ގާތްވެލުމުން ލަމްހާ އަވަސްއަވަހަށް ޔޫޝައު ދުރަށް ލަމުން ބުނެލިއެވެ.

"ކޮބައިތަ މަންމަ؟"

"ކޮޓަރީގަ ވީ.." ލަމްހާ ބުނެލިއެވެ.

"އޭތް.. ދޮރުމަތީ ބޭއްވި ޕާރުސަލް ކޮބާ؟ އޭގަ އޮތީ ކޮން އެއްޗެއް؟" ލަމްހާ ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ.

"ކޮން ޕާރުސަލެއް؟ އަހަރެން ނުދެކެން.. އޭގެ ވެރިމީހާ އެ ނެގީކަމަށް ވާނީ.." ޔޫޝައު ބުނެލިއެވެ.

"ދެން ދީބަލަ އޭގަ އޮތް އެއްޗެއް ބަލާލަން.." ލަމްހާ ކުޑަކޮށް ކުސްތަޅާލަމުން ބުނެލިއެވެ.

"ދެން ތި ވާހަކަތައް ފަހަށް ބަހައްޓާފަ އިހަށް ހިނގާބަލަ ރޫމަށް.. ލައްކަ ދުވަހު ދުރުގަ ހުރެވިއްޖެއެއްނު.." ލަމްހާ ގަޔާ ކައިރިކޮށްލަމުން ޔޫޝައު އެހެން ބުނެލުމުން ލަމްހާވެސް ދެބަހެއްނެތި އެތެރެއަށް ދިޔައެވެ. ތިންމަސް ދުވަހު ޔޫޝައުއާ ދުރުގައި އުޅުމުން އޭނާވެސް ހުރީ އެކަމަށް ނުހަނު ބޭނުންވެފައެވެ.

**********

ދެމަސް ފަހެވެ. އައިކާ ތައްޔާރުވަމުން ދިޔައީ މާލެ ދިއުމަށެވެ. ޔޫޝައު ގާތުގައި އޭނާ މާލެ ދާވާހަކަ ނުބުނެ އެއުޅެނީ ސަޕްރައިޒެއް ދޭންވެގެންނެވެ. އެހެންކަމުން އޭނާ ފެނުމުން ޔޫޝައުއަށް ވާނެގޮތް ހިތަށް ސިފަވުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހެވުނެވެ.

"ދަރިފުޅާ! އަދިވެސް ތައްޔާރުވެ ނުނިމޭތަ؟ މިހާރު ހައެއް ޖަހަން ފަނަރައަށްވީ.. ހައެއް ޖަހާއިރު ލޯންޗް ނައްޓާލާނެ.." ނާޒިމް އައިކާއަށް ގޮވާލާފައި ބުނެލިއެވެ.

"ނޫން ބައްޕާ.. މިހާރު މި ނިމުނީ.." ބޮލުގައި އޮޅަމުންދިޔަ ކަޅާއި ހުދުކުލައިގެ ޝޯލްއަށް އެންމެފަހު ޕިން ޖަހާލަމުން އައިކާ ބުނެލިއެވެ. އޭނާ ބުރުގާ އެޅިތާ އަދި މިވީ ހަފްތާއެކެވެ. އޭނާ ކުރިންވެސް ނިންމައިގެން ހުރީ ޔޫޝައުއާ ކައިވެނިކޮށްފައި ބުރުގާ އަޅާށެވެ. ނަމަވެސް ޔޫޝައުއަށް އަންހެންކުދިން ޝޯލް އެޅުމުން ރީތި ވާހަކަ ބުނުމުން އޭނާ ބުރުގާ އެޅުން އަވަސްކޮށްލީއެވެ. އޭނާ ބުރުގާ އެޅި ވާހަކަވެސް ޔޫޝައު ގާތުގައި އަދި ނުބުނެއެވެ. ޔޫޝައު އެތައްފަހަރަކު ވީޑިއޯ ކޯލް ކުރަން އެދުނުނަމަވެސް އޭނާ އެކަމަށް ދެކޮޅުހެދީ މިކަހަލަ ސަޕްރައިޒެއް ޔޫޝައުއަށް ދޭންވެގެންނެވެ.

**********

ޔޫޝައު އޮފީހުގައި އަވަދިނެތި އުޅެނިކޮށް އޭނާއާ ބައްދަލުކުރަން އަންހެންކުއްޖަކު އައިސް ހުރި ވާހަކަ އޭނާގެ ރިސެޕްޝަންގައި އިންނަ ކުއްޖާ ގުޅާފައި ބުންޏެވެ. އޭނާ އެކުއްޖާ އެތެރެއަށް ފޮނުވުމަށް އެދުނީ އެހީއަކަށް އެދި އައި މީހަކަށް ވެދާނެކަމަށް ހީކުރަމުންނެވެ. ކެބިންގައި ޓަކި ޖަހާލި އަޑު އިވުމުން އެދިމާއަށް ބަލާވެސްނުލާ އިނދެ އެތެރެއަށް ވަންނާށޭ ބުނެލިއެވެ. އެއާއެކު ފިނިވެފައި ހުރެ އައިކާ އެތެރެއަށް ވަނެވެ. ދޮރު ހުޅުވާލި އަޑަށް އިސްއުފުލާ ޔޫޝައުއަށް ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނީ އުއްމީދުވެސް ނުކުރާފަދަ މީހަކު އައުމުންނެވެ.