ގދ. ފިޔޯރީ ސްކޫލުގެ ބައު އިމާރާތުގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެސްކޫކުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:10 އެހައިކަންހާއިރު އެވެ.

ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި އާންމުން ވަނީ ހަރަކާތްތެރިވެފައެވެ. އެހެންނަމަވެސް އަލިފާން ކޮންޓްރޯލް ނުވެގޮސް ތަން ވަނީ އަޅިއަށް ވެފައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެ އިމާރާތުގައި ފަސް ކުލާސްރޫމް ހުރެއެވެ. އެތަނުން ބޭޭނުން ކުރަމުންއައީ ތިން ކުލާސް ރޫމެވެ. ސްކޫލުގެ ކިޔެވުން މެދުކެނޑުނަ ނުދީ ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް އެޑިޔުކޭޝަން މިނިސްޓްރީއާއި އެ ސްކޫލް ގުޅިގެން ކުރިއަށް ގެންދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. ކިޔަވައި ދިނުމުގެ އިތުރުން ހޯލެއްގެ ގޮތުގައި ވެސް ބޭނުންކުރަމުން އަންނަނީ އެ އިމާރާތެވެ.

ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުންނަށް ފިޔޯރީއަށް ދެވިފައިވަނީ 18:54 އެހައިކަންހާއިރުއެވެ. އެ ޓީމް ފިޔޯރީއަށް ދިޔައިރު އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަނގުރު އަލިފާނުގެ އަސަރު ހުރުމާއެކު ކޮންމެވެސް ވަރަކަށް ދުން ދަނީ އޭރުވެސް އަރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވ. އަލިފާން ފުރަތަމަ ރޯވެފައިވަނީ ކަރަންޓު ޑިސްޓްރިބިޔުޝަން ބޯޑެއްގައި ކަމަށް ފިޔޯރީ ސްކޫލް މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.