އިންޑިއާ އިސްތިއުމާރުކޮށް އިނގިރޭސިން ހިންގާފައިވާ ޖަރީމާތަކުގައި މަރުވެފައިވާ މީހުންގެ އަދަދަކީ ޒަމނީ ތާރީޚްގައި އެއްވެސް ގައުމެއްގައި މީހުން މަރުވެފައިވާ އަދަދަށް ވުރެން މާ މަތީ އަދަދެއްކަމަށް ތާރީޚު އިލްމުގެ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ދެ ރިސާޗަރުން ކަމަށްވާ ޑޭލަން ސުލިވާން އާއި ޖޭސަން ހިކެލް ގެ ފޮތް: "ކެޕިޓަލިޒަމް އެންޑް އެކްސްޓްރީމް ޕަވަރޓީ: އަ ގްލޯބަލް އެނަލިސިސް އޮފް ރިއަލް ވޭޖްސް، ހިއުމަން ހައިޓް، އެންޑް މޯޓަލިޓީ ސިންސް ދަ ލޯންގް 16 ސެންޗަރީ" ގައި ވަނީ އިންޑިއާގައި އިސްތިއުމާރީ އިނގިރޭސިން ހިންގާފައިވާ ލާއިންސާނީ ސިޔާސަތު ދިރާސާކޮށް އިނގިރޭސިން މީހުން މެރި އަދަދުގެ ސާފު ދިރާސާއެއް ހާމަކޮށްފައެވެ.

އިނގިރޭސި އިސްތިޢުމާރީ ސަރުކާރުން އިންޑިއާގެ އާބާދީ ބޯހިމަނަން ފެށީ 1880 ގެ އަހަރުތަކުގައެވެ. މި ބޯހިމެނުންތަކުން ދައްކާ ގޮތުގައި އެ ދުވަސްވަރު މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް ކޮންމެ 1000 މީހަކަށް 37.2 މީހުން މަރުވެފައިވާ ކަމަށެވެ. އަދި އާބާދީގައި މީހުން މަރުވާ އަދަދު 1910 ގެ އަހަރުތަކުގައި އުޅުނީ ކޮންމެ ހާހަކަށް 44.2 މީހަކަށް އަރާފައެވެ. އަދި އިނގިރޭސިންގެ ވެރިކަމުގައި އިންޑިއާ މީހަކު އެވަރެޖުކޮށް ދުނިޔޭގައި ހުންނަ އުމުރު ކަމަށްވަނީ 26.7 އަހަރެވެ. އަދި ފަހުން އެއަދަދުވެސް 21.9 އަހަރަށް ދަށްވެފައިވެ އެވެ.

ޑައިލަން އާއި ސުލިވާން ވޯލްޑް ޑިވެލޮޕްމަންޓް ޖާނަލްގައި ދާދިފަހުން ޝާއިއުކުރި ލިޔުމެއްގައި ބުނެފައި ވަނީ ބޯހިމެނުމުގެ މައުލޫމާތު ލިބެން ހުރި 40 އަހަރުގެ ތެރޭގައި އިނގިރޭސި އިސްތިއުމާރީ ވެރިކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ލަފާ ކުރެވޭ ކަމަށް ބުނެފައެވެ.

އެ ދެ ލިޔުންތެރިން ލަފާ ކުރިގޮތުގައި 1891 އިން 1920 އަށް އިނގިރޭސި އިސްތިއުމާރުގެ ބެލުމުގެ ދަށުން އިންޑިއާގައި 50 މިލިއަން އިތުރު މަރުތަކެއް ހިނގާފައިވާކަމަށް އަންދާސާ ކުރެވޭ ކަމަށެވެ.

މި ވާހަކައަށް ބާރުލިބޭ އެހެން ދިރާސާއެއްގައި، އިޤްތިޞާދީ ތާރީޚް ޢިލްމުވެރިއެއް ކަމަށްވާ ރޮބަރޓް ސީ އެލަން ބުނެފައި ވަނީ 1880 ވަނަ އަހަރުގެ ޑޭޓާއިން ދައްކާ ގޮތުގައި އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް އިންޑިއާގެ ދިރިއުޅުމުގެ ފެންވަރު ދިޔައީ އަހަރަކުން އަހަރަކުން ދަށްވަމުންނެވެ. އިނގިރޭސިން އިސްތިޢުމާރު ކުރުމުގެ ކުރިން އިންޑިއާގެ ދިރިއުޅުމުގެ ފެންވަރު "ހުޅަނގު ޔޫރަޕްގެ ތަރައްގީވަމުން އަންނަ ސަރަހައްދުތަކާ އެއްވަރަށް" އޮވެދާނެ ކަމަށް އެލެން އާއި އެހެން ދިރާސާވެރިން ލަފާ ކުރެއެވެ.

އިސްތިއުމާރުގެ ކުރިން އިންޑިއާއިން މަރުވާ މީހުންގެ ނިސްބަތް ނޭނގުނު ކަމުގައިވިއަސް އެކަން އަންދާސާ ކުރެވޭނީ 16 ވަނަ ގަރުނާއި 17 ވަނަ ގަރުނުގައި އިނގިރޭސިވިލާތާ އެއްގޮތަށްކަމަށް އެ ލިޔުންތެރިން ދެކެއެވެ. އެ ގޮތަށް ހިސާބު ހަދައިފިނަމަ، އިންޑިއާގައި ކޮންމެ ހާސް މީހަކަށް 27 މީހުން މަރުވެފައިވާނެ ކަމަށް އަންދާސާ ކުރެވިދާނެއެވެ.

އެ އަންދާސާއިން އާބާދީއަށް ބަލާނަމަ، އިންޑިއާއިން އިނގިރޭސިންގެ އަތްމަތިން 165 މިލިއަން މީހުން 1881ން 1920އާ ދޭތެރޭ މަރުވެފައިވާނެ ކަމަށް ލަފާ ކުރެވިދާނެ ކަމަށެވެ.

މި ލިޔުންތެރިން އެއްބަސްވާ ގޮތުގައި މިއީ އިންސާނީ ތާރީހުގައި ވެސް ސިޔާސަތެއްގެ ސަބަބުން ބޮޑު އާބާދީއަށް މަރާ ކުރިމަތިލާން ޖެހުނު ހަމައެކަނި ފަހަރެވެ. މި ޒަމާނުގެ ތާރީޚުގެ ހަނދާނުގައި ހިނގާފައިވާ ހާދިސާތައް ކަމަށްވާ ސޯވިއެޓް ޔޫނިއަންގެ ބަނޑަށް ޖެހުމާއި، މައޯއީސްޓް ޗައިނާގެ ބަނޑަށް ޖެހުމާއި، އުތުރު ކޮރެއާ، ޕޯލް ޕޮޓްގެ ކެމްބޯޑިއާގެ ބަޑަށް ޖެހުމާއި މީހުން މެރުމާއި، އަދި އިތިއޮޕިއާގެ މެންގިސްޓޫ ހޭއިލާ މާރްޔަމްގެ ބަނޑަށް ޖެހުމުން މަރުވި މީހުންގެ އަދަދު އެއްކޮށްލުމުންވެސް އިންޑިއާގައި އިނގިރޭސިންގެ ސިޔާސަތުން މަރުވި މީހުންގެ އަދަދު މާގިނައެވެ.

އިންޑިއާއަށް އިނގިރޭސިން ދިން އަނެއް ގެއްލުމަކީ އިންޑިއާގެ ސިނާއަތު ހަލާކުކޮށްލުމެވެ. ސަޝީ ތަރޫރުގެ ފޮތްތަކުގައި އޭނާ ވަނީ މީގެ ތަފްސީލު ހިމަނާފައެވެ.

އިނގިރޭސިންގެ އިސްތިއުމާރުގެ ކުރިން އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ސިނާޢީ އުފެއްދުންތެރި އެއް ޤައުމު ކަމަށް ޑޭލަން ސުލިވާން އާއި ޖޭސަން ހިކެލް ގެ ފޮތުގައި ބުނެފައި ވެއެވެ. އެއިރު ފޭރާން ވިއުމާއި އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީގައި އޮތީ އިންޑިއާއެވެ. އިނގިރޭސިން ވިޔެފައި ހުންނަ ފޮއްޗަށް ވުރެން އިންޑިއާ ފޮތި މޮޅުވުމުން 1757 ވަނަ އަހަރު އިނގިރޭސި އީސްޓް އިންޑިއާ ކޮމްޕެނީން އިންޑިއާ ހިފައި ހާލަތު ބަދަލު ކޮށްލިއެވެ.

އީސްޓް އިންޑިއާ އެންޑް ޗައިނާ އެސޯސިއޭޝަންގެ ޗެއާމަން 1840 ވަނަ އަހަރު އިނގިރޭސި ޕާލަމެންޓަށް އިއްވި ރިޕޯޓްގައި މިފަދައިން ބުންޏެވެ.

"އީސްޓް އިންޑިއާ ކުންފުނިން ވަނީ އިންޑިއާ އުފެއްދުންތެރި ގައުމަކުން ރޯ މެޓީރިއަލް ސާމާނު އުފައްދައި އެކްސްޕޯޓްކުރާ ގައުމަކަށް ބަދަލުކުރުމުގައި ކާމިޔާބީ ހޯދާފައެވެ. މި ކަމުން އިނގިރޭސި އުފެއްދުންތެރިންނަށް ބޮޑު ފައިދާއެއް ލިބިފައިވާއިރު އިންޑިއާ މީހުން ވަނީ ފަގީރުކަމުގެ ތެރެއަށް ވެއްޓިފައެވެ. ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށް އެމީހުން ވަނީ ވެފައެވެ."

އިނގިރޭސި ދޮން މީހާ އިންޑިއާ އިތުރަށް ފޭރުނީ އިންޑިއާއިން ނަގާ ޓެކްސް އެތައް ގުނައަށް ބޮޑުކޮށްގެންނެވެ. އިނގިރޭސިންނަށް މި ފޭރުމުން ލިބުނުު އާމްދަނީ ބޭނުންކޮށްގެން އިންޑިއާގެ އުފެއްދުންތައް ކަމަށްވާ އިންޑިގޯ ކުލައާއި، ދަނޑުވެރިކަމުގެ ބާވަތްތަކާއި ކަފައާއި ފިޔާ ހެޔޮ އަގުގައި ނުވަތަ ނުއަގުގައި ގަނެ އިނގިރޭސިވިލާތަށާއި ދޮން މީހުން އިސްތިއުމާރު ކުރި އެމެރިކއާއި އޮސްޓްރޭލިއާ ފަދަ ތަންތަނަށް ފޮނުވިއެވެ.

ތާރީޚް ލިޔުންތެރިން ކަށަވަރުކޮށްދޭ ގޮތުގައި 19 ވަނަ ގަރުނުގެ ފަހުކޮޅު އިނގިރޭސިންގެ ރަހުމު ކުޑަ ސިޔާސަތުގެ ސަބަބުން ކުރިމަތިވި ބޮޑެތި ބަނޑުހައިހޫނުކަމުގައި ސަތޭކަ މިލިއަން އިންޑިއާ މީހުން މަރުވިއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި އިސްތިއުމާރީ ވެރިންނަށް އެމީހުންގެ ސިޔާސަތުތައް ތަންފީޒު ކުރަމުން ދިޔައީ، އެމީހުންގެ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވާނެ ނަތީޖާތައް ފުރިހަމައަށް އެނގިގެން ތިބެއެވެ. އަދި އެމީހުން ކުރިއަށް ދިޔައީ އެނގިހުރެ އިންޑިއާ މީހުން ދިރިތިބުމަށް ބޭނުންވާ ވަސީލަތްތަކުން މަހުރޫމް ކުރަމުންނެވެ.

ތާރީޚް ޢިލްމުވެރިޔާ މައިކް ޑޭވިސް ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އިސްތިއުމާރީ ސިޔާސަތަކީ އެޓޮމިކް ބޮމަށްވުރެން އޭގެ ގެއްލުމާއި ހަލާކު މާބޮޑު ބޮމެއް ކަމަށެވެ.

މި ޒަމާނުގެ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އިނގިރޭސިންގެ މި އަމަލަކީ އިންޑިއާއަށް ބަދަލު ދޭން ޖެހޭފަދަ ޖަރީމާތަކެކެވެ!

ބައިނަލްއަގްވާމީ ގާނޫނުގައި އެކަމަށް ވަރުގަދަ ނަމޫނާއެއް ފެނިފައި ވެއެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުން ވަނީ ހޮލޮކޯސްޓްގެ ޝިކާރައަކަށްވި މީހުންނަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކޮށް ބަދަލު ދީފައެވެ. އަދި ދާދި ފަހުން އެއްބަސްވެފައި ވަނީ ޖަރުމަނުން ނެމީބިއާގައި 1900ގެ ކުރީކޮޅު ހިންގި އިސްތިއުމާރީ ޖަރީމާތަކުގެ ބަދަލު ދިނުމަށެވެ. އަދި ދެކުނު އެފްރިކާގެ ކުލައިގެ މީހުންނާ ދެކޮޅަށް ދޮންމީހުންގެ ބައިމަދު މީހުން ހިންގި ޖަރީމާތަކަށްވެސް ބަދަލު ދީފައި ވެއެވެ.

"ތާރީޚް ބަދަލެއް ނުކުރެވޭނެއެވެ. އަދި އިނގިރޭސި ސަރުކާރުގެ ޖަރީމާތައް ފޮހެވޭކަށެއްވެސް ނެތެވެ. އެކަމަކު އިސްތިއުމާރީ ވެރިކަމުން އުފެއްދި ނިަމެތިކަމާއި ނުތަނަވަސްކަމުގެ ތަރިކަ ހައްލުކުރުމަށް ބަދަލު ދޭން ޖެހޭނެއެވެ. އެއީ އިންސާފާއި ފަރުވާ ހޯދުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެކެވެ." ސުލިވާން އާއި ހިކެލް ނިންމާލަމުން ލިޔެފައި ވެއެވެ.