އަނދައި ހުލިފައިވެފައިވާ ނީލަން ފިހާރަ ހުރި ސަރަހައްދަށް މާސްކް ނާޅައި ދިޔުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި، މާސްކް އަޅައިގެން ނޫނީ އެސަރަހައްދަށް ނުދިޔުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ދުމުގެ އަސަރު ކޮށްފައިވާ ގެބީސީތަކުން ކުޑަ ދޮރުތަކާއި އެހެނިހެން ދޮރުތައް ލައްޕައިގެން ތިބުމަށާއި ބޯއަނބުރާއި މޭނުބައި ކުރާ ގޮތްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ.

ހާއްސަކޮށް ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކުން ދުމުގެ އަސަރު ކޮށްފައި ހުރި ސަރަހައްދެއްގައި ދިރިއުޅޭނަމަ މާސްކް އަޅައިގެން އުޅުމަށް އެދޭކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެކިބާވަތްތަކުގެ މުދާތަކުން ފުރިފައި އޮންނަ ނީލަން ފިހާރައިގައި ރޯވެ އަނދަން ފެށީ ރޭ ފަތިހު 5:45 ހާއިރުއެވެ. މިއީ ނީލަން ފިހާރައިގައި ރޯވި ތިންވަނަ ފަހަރަކުން ފާހަގަ ކޮށްލެވެއެވެ.