ސިޔާސީ ޕާޓީއެއް އުފެއްދެވީ ސިޔާސީ އެހެންޕާޓީތަކުގެ ވެރީންނާއެކު ސިޔާސީ މަސައްކަތްކުރަން އުނދަގޫވެގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ ކޮންމެ ބޭފުޅަކާއެކު މަސައްކަތް ކުރެއްވިއްޔަސް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ފަހިވެފައި އޮންނަންވާނޭ ކަމަށެވެ. އެފަދަ މާހައުލެއްނެތިއްޔާ އެ ފަދަ ބޭފުޅުންނާއެކު މަސައްކަތް ނުކުރެވޭނާ ކަމަށް ވެސް ވިދާޅުވިއެވެ. "ސިޔާސީ ޕާޓިއެއް އުފެއްދީ އަޅުގަނޑުމެންނަށް އެހެން ސިޔާސީ ޕާޓީތަކުގެ ވެރީންނާއެކު މަސައްކަތް ކުރަން އުނދަގޫވީމާ. އެއީ އަޅުގަނޑުމެންނަށް ވެސް މިނިވަންކަމާއެކީގައި މަސައްކަތްކުރެވޭނޭ މާހައުލެއް ދައްކަވަންޖެހޭނެ ކޮންމެ ބޭފުޅަކާއެކީގައި މަސައްކަތްކުރިޔަސް،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުމުރުގެ ވަކި ހިސާބަކުން އެހެން ބަޔަކަށް މަސައްކަތްކޮށްލަދީދީ ތިބޭކަށް ބޭނުންނުވާ ކަމަށެވެ. އެހެން ކަމުން ސިޔާސީ މަސައްކަތަށް މިނިވަންކަމާއެކު ނިކުމެ ގައުމަށް ކޮށްދެވެންހުރިކަންކަން ބަލައި އެކަމެއް ކޮށްދިނުމުގެ ނިޔަތާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެން މިއުމުރުގައި ކޮންމެހެން ބޭނުންމެއްނޫން އަބަދު އެހެންމީހަކަށް މަސައްކަތްކޮށްދީދީ ތިބޭކަށް. ގައުމަށްޓަކައި ކޮށްދެވެންހުރި މަސައްކަތެއް ކޮށްދިނުމުގެ ނިޔަތުގައި މިނުކުތީ،" ނާޒިމް ވިދާޅުވިއެވެ.

ނަޒިމް ވިދާޅުވީ ރާއްޖެ މިހާރު ދަތުރުކުރަމުންދާ މިސްރާބަށްވުރެ ރަނގަޅު މިސްރާބަކަށް އޭނާގެ ލީޑަރޝިޕްގައި ގެންދެވޭނޭ ކަމުގެ އުންމީދާއި އިތުބާރު މިހާރުވެސް އެބައޮތްކަމަށެވެ. އޭނާއަކީ ސަރުކާރުގެ މަތީފަންތީގެ ވަޒީފާތައް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިހާރުވެސް ދަނގެތީދާއިރާގެ މަޖިސް މެންރަކީ އޭނާ އެވެ.