މިއަދު ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ސަބަބުން ސިޓީ ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކަށް އަންނާނެ ލޮޅުމާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް މާލޭސިިޓީކައުންްސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ވިދާޅުވީ ނީލަންފިހާރަ އެނދި ހާދިސާގައި ސިޓީކައުންސިލްގެ 200 މުވައްޒަފެއްގެ ބޯހިޔާވަހިކަން ގެއްލިފައިވާ ކަމަށެވެ. އެހެންނަމަވެސް އުންމީދު ކުރައްވަނީ ވީހާވެސް އަވަހަށް މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖެހި މަސައްކަތު މާހައުލަށް ނުކުމެވޭގޮތްވުން ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް ރައްޔިތުންނާއި އިންޑިއާ ރައްޔިތުންނެވެ.
އެ 200 މުވައްޒަފުން ވަންނާނެ ތަނެއް މިވަގުތު ނެތުމުން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަނީ އިމާދޫއްދީން ސްކޫލެވެ. އެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި ބައެއް މިނިސްޓްރީތަކާ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް މޭޔަރު ވިދާލުވިއެވެ. އެހެން ނަމަވެސް އަދި ގޮތެއް ހަމަނުޖެހެވެ.