ޓްރާންސްޕޯޓު މިނިޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި އަހުމަދު ރިޔާޒު އެމަގާމުން އިސްތިއުފާ ދެއްވައިފިއެެވެ.

އެމަގާމުން އިސްތިއުފާ ދެއްވިކަން އަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިމަހު 9 ވަނަދުވަަހު ރިޔާޒު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ދެއްވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމްގެ ކެންޕޭނުގައި އަމަލީ ގޮތުން ބައިވެރިވުމަށް ކަމަށެވެ. "އެ ކެންޕޭނަށް ވަގުތު ދިނުމުގެ ގޮތުން އަޅުގަނޑު އައްޔަން ކޮށްފައިވާ މިނިސްޓަރ އޮފް ސްޓޭޓު ފޯ ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަންގެ މަގާމުން އިސްތިއުފާދޭ ވާހަކަ ދަންނަވަަމެވެ." އެސިޓީގައި ވިދާޅުވެފައިވެއެވެ.

މީގެ ކުރީން ރިޔާޒު ހުންނެވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށެވެ. އެމަގާމުގައި ހުންނަވަނިކޮށް ދިމާވި މައްސަލައެއްގައި އޭނާ ވަނީ ހަ މަހަށްވުރެ ގިނަދުވަހު ސަސްޕެންޝަނުގައި ބަހައްޓައިފައެވެ. އެހެންނަަމަވެސް އޭނާ އުމްރާ ދަތުރެއްގައި މައްކާގައި ހުންނަވަނިކޮށް ރައީސް އޮފީހުން ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ރިޔާޒު ބަދަލު ކުރައްވައިފައެވެ. އުމްރާ ދަތުރަށްފަހު ރިޔާޒު މާލެ ވަޑައިގެންނެވީ ޖެނުއަރީ 2 ގައެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވިއިރު ޓްރާންސްޕޯޓު މިނިސްޓްރީގެ ވަޒީފާއަށް ނިކުންނަވަން ނުވެސް ފަށްޓަވައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހުންނަވައިގެން ގައުމަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ރިޔާޒު ވަނީ ރައީސަށް ޝުކުރު ދަންނަވައިފައެވެ.