މިފަހަރު ރަނގަޅަށްވެސް އެކުލަވާލެވިގެން މިއުލެނީ ވަގުންގެ ސަރުކާރެކެވެ. ބޮޑު ވަޒީރަކަށް ހުރި މީހާއަކީ ކޮރަޕްޝަންގެ މައްސަލަތަކެއްގައި ދައުވާ ކުރެވެމުންދާ މީހެކެވެ. ސެކިއުރިޓީ މިނިސްޓަރަކީ ކުރިން ޙުކުމެއް ތަންފިޒުކޮށްފައިވާ މަޝްހޫރު ޓެރަރިސްޓެކެވެ. ދޚިލީ ވަޒީރަކީ ކޮރަޕްޝަނާއި ފަސާދައާއި އޮޅުވާލުމާއި ވައްކަމުގައި ޙުކުމުގެ އެއްބައި ތަންފީޒުކޮށް އަނެއް ބައި އަދި ތަންފީޒު ނުކޮށް ހުރި މީހެކެވެ.

މިއީ އިޒްރޭލުގެ ސަރުކާރުގެ އެންމެ އިސް ތިން މީހުންނެވެ. ބޮޑު ވަޒިރު ނަތަންޔާހޫއާއި ސެކިއުރިޓީ މިނިސްޓަރ އިޓާމާރް ބިން ޣަފީރާއި ދާޚިލީ ވަޒީރު އާރިޔާ މަޚްލޫފް ދޭރީއެވެ.

ނަތަންޔާހޫ ފިޔަވައި ސަރުކާރުގެ އެންމެ ނުފޫގަދަ މީހަކީ މަޚުލޫފު ދޭރީއެވެ. އޭނާއަކީ ދާޚިލީ ވަޒީރު ކަމާއި ހެލްތު މިނިސްޓަރުކަންވެސް އެއްފަހަރާ ދެ މިނިސްޓަރުކަން އަދާ ކުރާ މީހެކެވެ.

އާރިޔާ މަޚްލޫފް ދޭރީއަކީ އަރަބި ބަހުން ވާހަކަ ދައްކާ މަޣުރިބުގެ މުއްސަނދި ޔަހޫދީ ދެމަފިރިއަކަށް މަޣްރިބް، ނުވަތަ މޮރޮކޯގައި އުފަން މީހެކެވެ. އޭނާގެ އުމުރުން ނުވަ އަހަރުގައި ދެމަފިރިން އިޒްރޭލަށް ހިޖުރަކޮށްގެން އަތްމަތި ދަތި ހާލުގައި އުޅެން ޖެހުމުން އޭނާ ތައުރާތު ކިޔަވައިދޭން ދީނީ މަކުތަބަކަށް ވެއްދިއެވެ.

ދީނީ ހަރުކަށި ޚިޔާލަށް މޫލައިގެން ގޮސް އޭނާވެގެން ދިޔައީ ދީނީ ހަރުކަށި ސިޔާސީ ޕާޓީ ޝާޝްގެ އިސް މީހަކަށެވެ. އިޒްރޭލުގެ ތާރީޚުގައިވެސް އެންމެ ޒުވާން ވަޒީރަކީ މަޚްލޫފް ދޭރީއެވެ. އޭނާގެ ނަމުގެ ދެވަނަ ބައިގެ އަރަބި ކަމުން އޭނާ މަޝްހުރު ވެފައި ވަނީ އާރްޔާ ދޭރީގެ ނަމުންނެވެ.

އޭނާގެ އެންމެ މަޝްހޫރު ސިފައަކީ ބޮޑު ބަސް ބުނުމާއި އޭނާ ބުނާ ގޮތަށް އެކަމެއް ކުރުމެވެ.

އޭނާ ގިނަ ދުވަސް ވަންދެން ދާޚިލީ ވަޒީރުކަން ކުރި އރު މީހުންނަށް ކަންކަން ކޮށްދިނުމުގެ މުގާބިލުގައި ގިނަ އަދަދުން ރިޝްވަތު ނެގުމާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވިއެވެ. އަދި ޙުކުމް ލުއިކުރުމަށް އޭނާވެސް ކުށަށް އިއުތިރާފް ވިއެވެ.

އޭނާއަށް ލިބުނީ ތިން އަހަރުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ދެ އަަހރު ޖަލުގައި ހުރުމަށްފަހު ސަލާމަތްވިއެވެ.

އިޒްރޭލުގެ އިންތިޚާބާ ބެހޭ ގާނޫނު ބުނާ ގޮތުން ޖިނާއީ ކުށެއްކޮށްފައިވާނަމަ އެ ކުށަކީ ބޮޑު ވެގެންވާ ހުތުރު ކުށެއް ކަމަށް ބަންޑާރަ ނާއިބަށް ނުފެންނަ ނަމަ ވަޒިރު ކަން ކުރެވިދާނެ ކަމަށެވެ.

ވައްކަން ކުރުމުގެ އިތުރުން މަޚުލޫފް ދާރީގެ އަނެއް ފާހަގަ ކުރެވޭ ސިފައަކީ އޭނާގެ ނެޕޮޓިޒަމެވެ. އާއިލާ މީހުންނަށް މަގާމުތައް ބަހާ މައްސަލާގައި އޭނާ ކުށްވެރި ކުރެވުނެވެ. ނަމަވެސް އަލަށް ވަޒީރުކަމާ ހަވާލުވެގެންވެސް އޭނާ ބުނީ އަދިވެސް އާއިލާ މީހުންނަށް މަގާމުތައް ބަހާނެ ކަމަށެވެ. ކަން ކުރީވެސް އެހެންނެވެ. އޭނާގެ ދަރިފުޅު ޔައުގޫބަށާއި އޭނާއަށް ބޮޑު ބޭބެ ކިޔާ ކުދިންނަށް އޭނާ ވަނީ ދައުލަތުގެ އެންމެ ބޮޑެތި މަގާމުތައް ދީފައެވެ. ވާނީވެސް އެހެން ޓާއެވެ! މަޚުލޫފް ދާރިއަކީ ސަރުކާރުގެ ދެވަނައަށް އެންމެ ބާރުގަދަ މީހާއެވެ.

އިޒްރޭލުގެ މި ސަރުކާރަކީ ވަގުންގެ ސަރުކާރެއް ކަމުން ވަގުންނަށް ވަޒީރު ކަން ނުކުރެވޭ ގޮތަށް ގާނޫނުގައި ބުނާ މާއްދާ ބަދަލު ކުރުމަކީ މި ވަގުން މިހރު ކުރަންމުން ދާ މަސައްކަތެކެވެ.

މަޚްލޫފު ދާރީއާއި ނަތަންޔާހޫއަށް ފަހި ކުރުމުގެ ގޮތުން ޖިނާއީ ކުށުގެ ރެކޯޑެއް އޮންނަ މީހަކަށް ވަޒީރުކަން ނުކުރެވޭނެ ކަމަށް ބުނާ މާއްދާއަށް ބަދަލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.