ބެލްޖިއަމްގެ ކޯޗް ކަމުގެ މަގާމަށް ޝޯޓް ލިސްޓް ކުރި ކޯޗުންގެ ތެރޭގައި އިޓަލީ ގައުމީ ޓީމުގެ ކުރީގެ ޕްލޭމޭކަރ އަންދްރޭ ޕިރްލޯ ހިމެނިއްޖެއެވެ.

އިޓަލީގެ "ޓުއްޓު ސްޕޯޓްސް" އިން ބުނެފައިވާ ގޮތުގައި ބެލްޖިއަމްގެ ކޯޗް ކަމުގެ މަގާމް މިފަހަރު ހަވާލު ކުރުން އެންމެ އެކަށީގެންވަނީ ޕިރްލޯއާއެވެ.

އިޓަލީއިން 2006 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބު ކުރިއިރު އާއި 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލަށް އިޓަލީ ގެންގޮސްދިނުމަށް މޮޅު ކުޅުމެއް ދެއްކި ޕިރްލޯ މިހާތަނަށް ގައުމީ ޓީމަކަށް އިރުޝާދު ދީފައެއް ނުވެއެވެ.

ބެލްޖިއަމްގެ ކޯޗުގެ މަގާމް ހުސްވީ މިދިޔަ އަހަރު ފަހުކޮޅު ގަތަރުގައި ބޭއްވި ވަރލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމުން ކޯޗް ރޮބާޓޯ މާޓިނޭޒް އިސްތިއުފާ ދިނުމުންނެވެ. މާޓިނޭޒް އިއްޔެގެ ވަގުތެއްގައި ވަނީ ޕޯޗުގަލް ގައުމީ ޓީމާ ހަވާލުވެފައެވެ.

ޕިރްލޯ ހެޑް ކޯޗެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރީ ޔުވެންޓަސްގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުވެންޓަސްއިން 2020 ވަނަ އަހަރުގެ ސްޕަރ ކޮޕާ އިޓަލިއާނާ އާއި 2021 ވަނަ އަހަރުގެ ކޮޕާ އިޓާލިއާ ޔުވެންޓަސްއިން ކާމިޔާބު ކުރިއެވެ.